ޚަބަރު

ސީޕްލޭނެއް ވެއްޓުނީ ބެލެންސް ގެއްލޭގޮތަށް ބަރުކޮށްފައިވުމުން


ޅ. ކުރެއްދޫ ރިސޯޓް ކައިރިއަށް، ޓްރާންސް މޯލްޑިވިއަން އެއަރވޭސް، ޓީއެމްއޭގެ ސީޕްލޭނެއް ވެއްޓުނީ ބެލެންސް ގެއްލޭގޮތަށް ބަރުކޮށްފައިވުމުން ބޯޓްގެ ސެންޓަރ އޮފް ގްރެވިޓީ ގެއްލުމުގެ ސަބަބުން ކަމަށް އެ ބޯޓު ވެއްޓުނު ޙާދިސާއާ ބެހޭގޮތުން ސިވިލް އޭވިއޭޝަންގެ އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމިޓީ، އޭއައިސީސީގެ ރިޕޯޓުން ހާމަވެއްޖެއެވެ.

2015 ވަނަ އަހަރުގެ ޖުލައިމަހު ކުރެއްދޫ ރިސޯޓް ކައިރިއަށް ޓީއެމްއޭގެ ބޯޓު ވެއްޓުނުއިރު ފަޅުވެރިންނާއެކު ބޯޓުގައި 14 މީހުން ތިއްބެވެ. މިއިން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި ވަނީ ސަލާމަތްވެފައެވެ. ބޯޓުގެ ސެންޓަރ އޮފް ގްރެވިޓީ ގެއްލިފައިވާކަން ޕައިލެޓަށް އެނގިފައިނުވަނީ މާސް އެންޑް ބެލެންސް ކަލްކިއުލޭޓް ކޮށްފައިނުވުމުން ކަމަށާއި ސެންޓަރ އޮފް ގްރެވިޓީ ގެއްލި، ބޯޓު އޮންނަންޖެހޭ އުސްމިނުގައި ނުހިފެހެއްޓިގެން އެކަމާގުޅޭ ވޯނިންގ އައި ނަމަވެސް އެކަން ކޯ-ޕައިލެޓުގެ ސަމާލުކަމަށް އައިސްފައި ނުވާކަމަށް ރިޕޯޓުގައިވެއެވެ.

މީގެއިތުރުން މާސް އެންޑް ބެލެންސް ކަލްކިއުލޭޓް ކުރުމަށް ޕައިލެޓް ބަލަންޖެހޭ އެކި ޑޮކިއުމަންޓްތަކުގައި ހުރި މަޢުލޫމާތުގައި މައްސަލަތައް ހުރިކަމަށާއި ބޯޓަށް ލަގެޖްތައް ބަރުކުރީ އުޞޫލާ ޚިލާފަށް ކަމަށްވާއިރު މިކަން ޕައިލެޓްވެސް ބަލައިފައި ނުވާކަމަށް ރިޕޯޓުގައިވެއެވެ.

ޅ. ކުރެއްދުއާ ދެ މޭލު ބޭރަށް އެ ބޯޓް ވެއްޓުނު ޙާދިސާގައި މީހަކަށް ގެއްލުމެއް ނުވިނަމަވެސް އެ ބޯޓުގެ ދެކަނދު ފިޔަވައި އިތުރު ބައިތައް ވަނީ ބޯޓް ވެއްޓުނުތާ ދިހަ ވަރަކަށް މިނެޓްގެ ތެރޭގައި ކަނޑު އަޑިޔަށް ގޮސްފައެވެ. އެ ބޯޓު ދުއްވަން ތިބީ ބޭރުގެ ދެ ޕައިލެޓުންނެވެ. ކުރޫއަކަށް ހުރީ ދިވެއްސެކެވެ. ދެން ތިބީ އެގާރަ ފަތުރުވެރިންނެވެ.