ޚަބަރު

ހީވާގި ކަނބަލުންގެ މަޢުރަޒުގެ ކާމިޔާބީ ފާހަގަކުރުން މިރޭ


ހީވާގި ކަނބަލުންގެ މަޢުރަޒުގެ ކާމިޔާބީއާއި މަޢުރަޒު ނިންމާލުން ފާހަގަކުރެއްވުމުގެ ރަސްމިއްޔާތެއް މިރޭ ދަރުބާރުގޭގައި ބޭއްވެވުމަށް ހަމަޖައްސަވައިފިއެވެ. މިރަސްމިއްޔަތު ފެށްޓެވުމަށް ހަމަޖެހިފައިވަނީ، މިރޭ ނުވައެއް ޖަހާއިރުއެވެ.

ކަނބަލުންގެ މަޢުރަޒަކީ، ދިވެހި އަންހެނުންގެ މުރާލިކަމާއި ހުނަރުވެރިކަމާއި މަސައްކަތްތެރިކަމާއި ދިވެހިންގެ އިޤްތިޞާދުގައި އަންހެނުން އަދާކުރާ ދައުރު އެއްތަނެއްގައި ދައްކާލުމުގެ ފުރުޞަތު ދިވެހި ހުރިހާ އަންހެނުންނަށް ފަހިކޮށްދެއްވުމަށް، ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުންގެ އިސް ނެންގެވުމުގެ މަތީން ބޭއްވެވި މަޢުރަޒެކެވެ.

މަޢުރަޒުގެ ކާމިޔާބީ ފާހަގަކުރެއްވުމަށާއި މަޢުރަޒު ނިންމާލެއްވުމަށް މިރޭ ދަރުބާރުގޭގައި ބާއްވަވާ ޚާއްޞަ ރަސްމިއްޔާތު ބޭއްވެވުމަށް ހަމަޖެހިފައި ވަނީ ފެށުމުގެ ރަސްމިއްޔާތާ ޚިލާފަށް އަންހެނުންގެ އިތުރަށް ފިރިހެނުންނަށްވެސް ބައިވެރިވެވޭގޮތަށެވެ. އަދި ވަކިން ދަޢުވަތު ފޮނުއްވުމަކާ ނުލައި އެކުވެރި މާޙައުލެއްގައި ބޭނުން ކޮންމެ މީހަކަށް މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވާގޮތަށް ވަނީ ހަމަޖައްސަވާފައެވެ.

ހީވާގި ކަނބަލުންގެ އެކްސްޕޯ 2017 ގެ ނަމުގައި ބޭއްވެވި މިމަޢުރަޒު ހިމެނިފައިވަނީ ބައިވެރިންގެ ގޮތުންނާއި ބައިވެރިކުރި ތަކެއްޗާއި ޢަދަދުގެ ގޮތުންނާއި އަދި މަޢުރަޒަށް ޒިޔާރަތްކުރި މީހުންގެ ޢަދަދާއި ތަކެތި ވިކުނު އަދަދަށް ބަލާއިރު މިފަދަ އެހެން ޙަރަކާތްތަކާ އަޅައިބެލޭނެ ގިނަ ކަންތައްތަކެއް ފާހަގަކުރެވުނު މަޢުރަޒެއްގެ ގޮތުގައެވެ. އަދި މިއީ ރާއްޖޭގައި ހަމައެކަނި އަންހެނުންނަށް ޚާއްޞަކުރައްވައިގެން ރާއްޖޭގައި ބޭއްވެވި މިފަދަ ފުރަތަމަ މަޢުރަޒެވެ. މިމަޢުރަޒުގައި 26 ހާހަށްވުރެ ގިނަ އައިޓަމް ބައިވެރިކޮށްފައިވެއެވެ.

މި މަޢުރަޒު ހުޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެރެއެވެ. މަޢުރަޒު ބޭއްވެވީ ހުރިހާ ރައްޔިތުންނަށް ޢާންމުކޮށް ހުޅުއްވާލައްވައިގެނެވެ.