ކުޅިވަރު

ކުންފުނިތަކުން އެހީވާން ނިންމުމުން ކްލަބްތައް އުފަލުން ފޮޅިފައި!


ދިިވެހި ފުޓްބޯޅަ ކްލަބްތައް އެންމެ އެކަށިގެންވާގޮތަށް ހިންގުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށިގެންވާ ވަރަށް މާލީ ގޮތުން ތަނަވަސްކަން ލިބިފައި ނުވުމެވެ. ގިނަ ކްލަބްތައް ދަރަނިވެރިވެގެން ހިންގަމުންދިޔުމުގެ ނަތީޖާއަކަށްވެގެންދިޔައީ ބައެއް ސީޒަންތަކުގައި ފެންވަރު ރަނގަޅު ޓީމެއް ތައްޔާރު ނުކުރެވުމެވެ.

އައު ސީޒަނަށް ޓީމްތައް ތައްޔާރުވަމުންދިޔައިރު އެފްއޭއެމުން ގިނަ އުފާވެރި ޚަބަރުތަކެއް ޓީމްތަކަށް ދީފައިވެއެވެ. އެގޮތުން ފުރަތަމަ ޑިވިޝަންގައި ހިމެނޭ އަށް ކްލަބަށް ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އެހީތެރިކަން ލިބޭނެކަމުގެ އުފާވެރި ޚަބަރުވެސް ދިނެވެ. ސަރުކާރާއި އެފްއޭއެމުން ގުޅިގެން ކުރި މަސައްކަތުން މިހާރުވަނީ ކްލަބްތަކަށް ޚަރަދުކުރާނެ ކުންފުނިތައްވެސް ކަނޑައަޅައި އިއުލާންކޮށްފައެވެ. އެ ގޮތުން މާލޭ ލީގުގައި ވާދަކުރާ އަށް ކްލަބަށް އެ ކްލްބަކަށް ކަނޑައަޅާފައިވާ ކުންފުނިން ދެ މިލިއަން ރުފިޔާ ދޭނެއެވެ. އަދި މާލޭ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައި ޕްރިމިއަރ ލީގަށް ކޮލިފައިވެއްޖެނަމަ އިތުރު އެއް މިލިއަން ރުފިޔާ އެކްލަބްތަކަށް ލިބިގެންދާނެއެވެ.

ކުންފުނިތަކުން މިވަރުގެ މާލީ އެހީތެރިކަމެއް ފޯރުކޮށްދޭތީ ކްބަލްތައް ތިބީ އުފަލުން ފޮޅިފައެވެ. އުފާ ނުވާންވީ ސަބަބެއްވެސް ނެތެވެ. ކުޅުންތެރިންގެ މުސާރަ ދިނުމަށް ބޭނުންވާ ފައިސާގެ ބޮޑު ބައެއް ލިބުނީއެވެ. ކްލަބް ހިންގުމަށް ރާއްޖޭގެ ބޮޑު ކުންފުންޏެއްގެ އެހީތެރިކަން ލިބުނީއެވެ.

އައު ސީޒަނަށް އެންމެ ބޮޑަށް ތައްޔާރުވި އެއް ކްލަބްގެ ގޮތުގައި ފާހަގަވެފައިވާ ނިއުރޭޑިއަންޓުން ދެކޭ ގޮތުގައި ކުންފުނިތަކުން ފުރަތަމަ ޑިވިޝަންގެ އަށް ކްލަބަށް އެހީވާން ނިންމުމަކީ ދިވެހި ފުޓްބޯޅައިގެ ކުރިމަގަށް އެޅިގެންދިޔަ ބޮޑު ފިޔަވަޅެކެވެ.

ނިއުރޭޑިއަންޓްގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް މޫސާ (ޓެޑް) ފާހަގަކުރެއްވި ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް އެފްއޭއެމާއި ސަރުކާރުން މި ފަހިކޮށްދިން ފުރުސަތަކީ ދިވެހި ކުޅިވަރަށް ވަރަށް ބޭނުންވެފައި އޮތްކަމެކެވެ. ދިވެހި ސަރުކާރުން ކުޅިވަރަށް ދޭ އަހަމިއްޔަތުކަން މި ކަމުންވެސް ވަރަށް ބޮޑަށް އެނގިގެންދެއެވެ. ގިނަ އަހަރުތަކަކަށްފަހު ވާދަވެރި ލީގަކަށް އުއްމީދކޮށްގެން ތިބި ނިއުރޭޑިއަންޓުން ދެކޭ ގޮތުގައި ދިވެހި ފުޓްބޯޅައަށް ކުރިމަގެއް ފެންނަން އޮތީވެސް އެފްއޭއެމާއި، ސަރުކާރާއި، ކްލަބްތައް ގުޅިގެން އެކުގައި މަސައްކަތްކުރެވިގެންނެވެ.

"ހަގީގަތުގައި އެފްއޭއެމާއި، ސަރުކާރާއި ކްލަބްތައް ގުޅިގެން ދިވެހި ފުޓްބޯޅަ ކުރިއަރާނީ، ކްލަބްތަކަށް މި ލިބިގެންދިޔަ އެހީތެރިކަމަކީ ހުރިހާ ކްލަބަކަށްވެސް ލިބިގެންދާނެ ލުޔެއް، މިފަދަ ކަންތައްތަކުން އެބަ ސާބިތުވެގެންދޭ ދިވެހި ސަރުކާރުން ކުޅިވަރަށް ދެއްވާ އަހަމިއްޔަތުކަން، ޝުކުރުވެސް އަދާކުރަން މިކަހަލަކަމެއް މަގުފަހިވެގެންދިޔައީމަ" ޓެޑް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14884918963618.JPG|ގްރީން ސްޓްރީޓްގެ ކުޅުންތެރިން ފަރިތަކުރުންތަކުގައި / ފޮޓޯ : ޕީއެސްއެމް

ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ގްރީން ސްޓްރީޓުންވެސް ސަރުކާރާއި އެފްއޭއެމުން މި ފަހިކޮށްދިން ފުރުސަތަށް ޝުކުރުވެރިވަނީ އުފަލާއިއެކުގައެވެ. ކްލަބްގެ ރައީސް ޝަޒީން ފާހަގަކުރައްވާ ގޮތުގައި ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ގްރީން ސްޓްރީޓް ފަދަ ކްލަބަކަށް މި އެހީއަކީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެކެވެ. އަހަރު ހޭދަކުރަން އަންދާޒާކޮށްފައިވާ އަދަދުގެ ބޮޑުބައެއް ލިބުމަކީ ބޮޑު ބޮލުރިހުމަކުން ސަލާމުންފަދަ ކަމެކެވެ.

"ވަރަށް ވަރަށް ބޮޑު ފަސޭހައެއް މީއި، ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ޓީމަކަށް މީއީ ބޮޑު ލުޔެއް، ކުދި ކުދި އެތިކޮޅުން ސްޕޮންސަރ ހޯދައިގެން ހިންގާ ޓީމަކަށް މީގެ ސަބަބުން ބޮޑު ހިތްވަރެއް ލިބިއްޖެ" ބިދޭސީ ހަތަރު ކުޅުންތެރިންނާއިއެކު އައު ސީޒަން މޮޅަކުން ފަށާފައިވާ ގްރީން ސްޓްރީޓްގެ ރައީސް ފާހަގަކުރިއެވެ.

ކުންފުނިތަކުން ކްލަބްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީވެސް ޝަރުތުތަކަކާއިއެކުގައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ޝަރުތަކީ ފައިސާ ޚަރަދުކުރާ ގޮތުގެ ތަފްސީލްތައް ކޮންމެ ހަތަރަކު މަހަކުން ރިޕޯޓެއް އަދި އަހަރަކު އެއް ފަހަރު އޮޑިޓް ރިޕޯޓް އެފްއޭއެމާއި ކުންފުންޏަށް ހުށަހަޅަން ޖެހުމެވެ. އެފްއޭއެމުން މައުލޫމާތުދެއްވި ގޮތުގައި މިފަދަ ޝަރުތެއް ހިމަނަން ނިންމެވީ ކްލަބްތަކުގެ ހިންގެވުން ހަރުދަނާ ކުރެއްވުމުގެ ގޮތުންނެވެ.

img:http://s2.psmnews.mv/images/660x400/14884919710578.JPG|ކްލަބް ވެލެންސިޔާ ފަރިތަކުރުންތަކުގައި / ފޮޓޯ : ޕީއެސްއެމް

ކްލަބްތަކުންވެސް މިކަމަށް ވަރަށް ބޮޑަށް ތާއީދުކުރެއެވެ. ގިނަ ބަދަލުތަކަކާއިއެކު މި ސީޒަންގައި ފެނިގެންދާ ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ޗެއާރމަން އިބްރާހިމް ނަޒީމް ވިދާޅުވީ މާލީ ބަޔާންތައް ކުންފުނިތަކަށް ހުށަހަޅަން ހިމަނާފައިވާ ޝަރުތަކީ އެ ކްލަބުން ވަރަށް ބޮޑަށް ތާއީދުކުރައްވާ ޝަރުތެއް ކަމުގައެވެ. ސަބަބަކީ މުސްކުޅި ހިންގުން ދޫކޮށްލައި ހަރުދަނާކަމާއިއެކު ދެމެހެއްޓެނިވި ގޮތެއްގައި ކްލަބް ހިންގަން ތައްޔާރުވެފައިވާ ވިކްޓްރީއަށްވެސް މިކަމުގެ ސަބަބުން ފައިދާކުރާނެކަމެވެ. އަދި ސްޕޮންސަރުންނާއި އެހެނިހެން ފަރާތްތަކުން ފޯރުކޮށްދޭ އެހީތެރިކަމުގެ ތަފްސީލްތައް އެފަރާތްތަކަށް ލިބެންޖެހޭނެކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އެހީތެރިކަމެއް ލިބޭނީ އެގޮތަށް އަމަލުކޮށްގެންކަމަށްވެސް ނަޒީމް ފާހަގަކުރެއްވިއެވެ.

"ވިކްޓްރީއާއި މިހާރުގެ މެނޭޖްމަންޓުން ހަވާލުވީ މުސްކުޅި ވިސްނުން ދޫކޮށް ޕްރޮފެޝަނަލްކޮށް މިކަންކުރަން. ސްޕޮންސަރުން ލުކްފޯވާޑް ކުރާނީވެސް ޖަވާބް ދާރީ ވެވޭ ގޮތަށް ކްލަބްތައް ތައްޔާރުވެވިގެން، ހިސާބުކިތާބާއި ލިޔެކިޔުންތައް ތައްޔާރުކުރެވިގެން، ވިކްޓްރީން މިހާރުވެސް ތައްޔާރަށް މިއޮތީ" ނަޒީމް ވިދާޅުވިއެވެ.

ހުރިހާ ޓީމެއްވެސް ރަނގަޅަށް ތައްޔާރުވެފައިވާ މި ސީޒަންގެ ފޯރި ގަދަކުރުމަށް ކްލަބްތަކުންވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތަށް އެފްއޭއެމުންވެސް ގިނަ އެހީތަކެއް ލިބެމުން އަންނައިރު، ސަރުކާރުގެ އެހީއާއިއެކު ދިވެހި ފުޓްބޯޅައަށް މިވަނީ އައު އުއްމީދެއް ލިބިފައެވެ. އިތުރު ފިޔަވަޅެއް ކުރިއަށް އެޅިފައެވެ. އިތުރު ހިތްވަރަކާއި ޖޯޝެއް ލިބިފައެވެ.