ޚަބަރު

ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ތާޖުއްދީން ސްކޫލްގައި


ރާއްޖޭގައި މިހާރު ފެތުރޭ ރޯގާޖެހިގެން ޑޮކްޓަރަށް ދައްކަން ބޭނުންވާ މީހުން ޑޮކްޓަރަށް ދެއްކުމާއި ޓެސްޓްތަކަށް ސާމްޕަލް ނެގުންފަދަ ކަންކަން ކުރެއްވުމުގެ ޚާއްޞަ އިންތިޒާމްތަކެއް އައިޖީއެމްއެޗް ގެ ފަރާތުން ތާޖުއްދީން ސްކޫލްގައި ހަމަޖައްސަވަނަ ފަށްޓަވައިފިއެވެ. 

ތާޖުއްދީން ސްކޫލްގައި ޤާއިމްކުރައްވާ ވަގުތީ އިންތިޒާމްތަކުގެ ޚިދުމަތް މިއަދުވެސް ވީ އެންމެ އަވަހަކަށް ދެއްވަން ފެށްޓެވުމަށް ގެންދަވަނީ ތައްޔާރުކުރައްވަމުންނެވެ. ތާޖުއްދީން ސްކޫލްގައި ޤާއިމްކުރައްވާ ވަގުތީ ސެންޓަރުން ޚިދުމަތް ދެއްވަން ފަށްޓަވާ ގަޑި ވަރަށް އަވަހަށް އިޢުލާމްކުރެއްވުމަށް ވަނީ ނިންމަވާފައެވެ. 

ރާއްޖޭގައި ރޯގާ ފެތުރެމުންދާތީ އަދި މީގެތެރޭގައި ބައެއް މީހުން އެޗްވަންއެންވަން އަށް ޕޮޒިޓިވްވެފައިވާތީ، ސަރުކާރުން ވަނީ އެކަން ކޮންޓްރޯލްކުރެއްވުމަށާއި އަދި ފަރުވާގެ ކަންކަން ފުޅާކުރައްވައި ޚިދުމަތް ދެއްވުން އަވަސްކުރެއްވުމަށާއި ބަލިމީހުންނަށް ޚިދުމަތް ލިބިގަތުން ފަސޭހަކުރެއްވުމަށް މަސައްކަތް ފަށްޓަވާފައެވެ. މި މަސައްކަތުގެ ދަށުން އައިޖީއެމްއެޗުން މިހާރު ގެންދަވަނީ ރޯގާޖެހިގެން ޑޮކްޓަރުންނަށް ދައްކަންދާ މީހުންނަށް ފަސޭހަކޮށްދެއްވުމަށް ތާޖުއްދީން ސްކޫލްގައި ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސަވަމުންނެވެ. އެތާނގައި ހަމަޖައްސަވާ އިންތިޒާމްތަކުގެ ތެރޭގައި، ޑޮކްޓަރަށް ދެއްކުމާއި ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލް ނެގުމާއި އެކްސްރޭ ނެގުމާއި ބޭސްސިޓީ ދޫކުރެއްވުން ފަދަ ޚިދުމަތްތައް ލިބޭނެ އިންތިޒާމް ގެންދަވަނީ ހަމަޖައްސަވަމުންނެވެ. img:http://s4.psmnews.mv/images/660x400/14894871462229.JPG|ތާޖުއްދީން ސްކޫލްގައި އައިޖީއެމްއެޗުން ހަމަޖައްސަމުންދާ އިންތިޒާމްތަކުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މިހާރު ފެތުރެމުންދާ ރޯގާގެ ސަބަބުން ފަރުވާދޭން އެޑްމިޓްކުރަންޖެހޭ މީހުން އެޑްމިޓްކުރުން ފިޔަވައި އެހެން ކަންކަން ތާޖުއްދީން ސްކޫލްގައި ހަމަޖައްސަވާ، އިންތިޒާމްގެ ތެރެއިން ހަމަޖެހޭނެ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. 

އައިޖީއެމްއެޗްގެ ސީއީއޯ ފަރުޙަތު ޝަހީރު ވިދާޅުވި ގޮތުގައި މެޑިކަލް އޮފިސަރުންގެ ފެންވަރުގައި ޚިދުމަތްދެއްވާ ޑޮކްޓަރުންގެ އިތުރަށް ސްޕެޝަލިސްޓުންވެސް. ތާޖުއްދީން ސްކޫލްގައި ޤާއިމްކުރައްވާ ފްލޯއާބެހޭ ވަގުތީ ޚާއްޞަ މަރުކަޒުގައި ފަރުވާދެއްވަމުން ގެންދަވާނެއެވެ. 

ރާއްޖޭގައި މިހާރު ފެތުރެން ފަށާފައި ރޯގާގެ ބަލިމީހުންނަށް ޚާއްޞަ އިންތިޒާމްތައް، އައިޖީއެމްއެޗްގެ ހުރިހާ ހިސާބެއްގައި ގެންނަދަނީ ހަމަޖައްސަވަމުންނެވެ. އޭގެތެރޭގައި އެކި ހިސާބުގައި އަތްދޮވެ ސާފުކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމާއި އަންގަޔާއި ނޭފަތް ނިވާކުރުމަށް ބޭނުންކުރާ މާސްކް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުން ހިމެނެއެވެ. img:http://s3.psmnews.mv/images/660x400/14894871658937.jpg|ތާޖުއްދީން ސްކޫލްގައި އައިޖީއެމްއެޗުން ހަމަޖައްސަމުންދާ އިންތިޒާމްތަކުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

އައިޖީއެމްޗްގެ ޑޮކަޓަރުންނާއި ނަރުހުންނާއި އެހެންވެސް މުވައްޒަފުންނަށް ޗުއްޓީ ދެއްވުން ޢާންމު ގޮތެއްގައި މިހާރު ވަނީ ހުއްޓަވާލައްވާފައެވެ. އަދި ތަނުގެ ހުރިހާ މުވައްޒަފުންވެސް ރޯގާއާގުޅޭ ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ގޮތަށްވެސް ވަނީ ހަމަޖައްސަވާފައެވެ. މީގެ އިތުރަށް މި ރޯގާގެ މީހުންނަށް ފަރުވާދެއްވުމުމުގެ ކަންކަން ވިލަރެސްކުރެއްވުމަށް އެ ހޮސްޕިޓަލުން ވަނީ ޚާއްޞަ ޓާސްކްފޯސްއެއް ވެސް އުފައްދަވާފައެވެ. މިޓާސްކްފޯހުގެ އިސް ބޭފުޅަކީ ޑޮކްޓަރ ޢަލީ ލަޠީފެވެ. ހޮސްޕިޓަލްހެ ކަމާގުޅޭ މުހިންމު ދާއިރާތަކުގެ ބެފުޅުންގެ މައްޗަށް އެކުލެވޭ މި ޓާސްކްފޯސްގެ ބެލުމުގެ ދަށުން ބަލިމީހުން ބެލުމާއި ޓެސްޓްތައް ހެދުމާއި ފަރުވާގެ ޚާއްޞަ އެކި އިންތިޒާމްތައް ހަމަޖައްސަވަމުން ގެންދެވުމަށް ވަނީ ކަނޑައަޅުއްވާފައެވެ. 

އައިޖީއެމްއެޗްގެ ޗީފް އެގްޒެކްޓިވް އޮފިސަރ ފަރުޙަތު ޝަހީރު ޕީއެސްއެމްއާ ވާހަކަފުޅުދައްކަމުން ވިދާޅުވީ، މިހާރު ފެތުރޭ ރޯގާޖެހިގެން ޑޮކްޓަރަށް ދައްކަން ބޭނުންވާ މީހުންނަށް އަވަހަށް ޑޮކްޓަރަށް ދެއްކޭނެ ގޮތް ހައްދަވައިދެއްވުމަށާއި ހަދަންޖެހޭ ޓެސްޓްތައް ހެދުމާއި ފަރުވާދޭންޖެހޭ މީހުންނަށް އަވަހަށް ފަރުވާދެއްވޭނެ ގޮތް ހެއްދެވުމަށް ހޮސްޕިޓަލުން ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.