ޚަބަރު

ކްލަބް ވެމްކޯއިން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ހިންގައިފި


ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ ކްލަބް ވެމްކޯއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. 

މޯލްޑިވްސް ބްލަޑް ސާރވިސްއާއި ގުޅިގެން އެސެންޓަރުގައި މިއަދު ހެނދުނު ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ވެމްކޯގެ 20 އަށްވުރެ ގިނަ މުވައްޒަފުން ލޭ ހަދިޔާކުރިއެވެ. 

މި ޕްރޮގްރާމަކީ ކްލަބް ވެމްކޯ އުފެދުނު ފަހުން ހިންގި ފުރަތަމަ ހަރަކާތެވެ. މި ހަރަކާތުގައި އެކުންފުނީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ޕްރޮގްރާމް ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފުޢާދު ވިދާޅުވީ، ލޭހަދިޔާ ކުރުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކެންޖެހޭކަމަށެވެ. img:http://s3.psmnews.mv/images/660x400/14898320143879.jpg|ކްލަބް ވެމްކޯއިން ހިންގި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ: ވެމްކޯ

ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ކްބަލް ވެމްކޯގެ ރައީސް އަޙުމަދު އާހިދު ވިދާޅުވީ، އެކުލަބުން ހިންގާ އެންމެ ފުރަތަމަ ހަރަކާތަކަށް ލޭ ހަދިޔާކުރަން ނިންމީ މިކަމަކީ މުޖުތަމަޢުއަށް ބޭނުންވެފައިވާ މުހިންމު ކަމަކަށްވާތީ ކަމަށެވެ.

ލޭ ހަދިޔާ ކުރުމުގެ މިފަދަ ހަރަކާތެއް ކޮންމެ ހަފްތާއަކުވެސް މޯލްޑިވްސް ބްލަޑް ސާރވިސަސްއިން ކުރިއަށްގެންދަން މަސައްކަތް ކުރައްވާކަމަށް ބްލަޑް ސާރވިސަސްއިން ވިދާޅުވެއެވެ. އަދި ހުކުރު ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހަކު ލޭ ހަދިޔާ ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ބްލަޑް ސަރވިސަސްއިން ވިދާޅުވެއެވެ.