ޚަބަރު

ވޯޓުލާމީހުންގެ އާ ލިސްޓް މާދަމާ ޢާއްމު ކުރާނެ - އިލެންޝަންސް


ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާ ތާރީޚަށް ގެންނެވި ބަދަލުގެ ސަބަބުން ވޯޓްލާ މީހުންގެ ލިސްޓަށް އައި ބަދަލުތަކާއި އެކު އަލަށް އެކުލަވާލި ލިސްޓް މާދަމާ އާއްމުކުރައްވާނެކަމަށް އިލެކްޝަންސް  ކޮމިޝަނުން  ހާމަކުރައްވައިފިއެވެ. 

ވޯޓަރސް ލިސްޓަށް އަނެއްކާވެސް ބަދަލުތަކެއް އައިސްފައިމިވަނީ ކުރިން އަންނަ މަހުގެ 15ވަނަ ދުވަހު ބާއްވަން އޮތް ކައުންސިލް އިންތިޚާބު މޭމަހުގެ 6ވަނަ ދުވަހަށް ފަސްކުރެއްވުމުން އެ މުއްދަތުގައި 18 އަހަރުފުރޭ މީހުންގެ ނަންތައް އެ ލިސްޓްގައި ހިމެނުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އާ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މަދާމާއިން ފެށިގެން ފަސްދުވަހުގެ މުއްދަތަކަށް ހުޅުވާލައްވާނެކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހުށައަޅާ ޝަކުވާތައް އެކޮމިޝަނުންނާއި ރަށްރަށުގެ ކައުންސިލް އިދާރާތަކާއި ސީޓީ ކައުންސިލްތަކުން ބަލައިގަންނަމުން ގެންދަވާނެކަމަށެވެ. 

އަންނަ މަހުގެ ފަނަރަވަނަދުވަހަށް ބާއްވަން ތާވަލްކުރެއްވި އިންތިހާބް، މިހާރު ރާއްޖޭގައި ފެތުރެމުންދާ ހުމުގެ ރޯގާއާއި ގުޅިގެން އަންނަ މޭމަހުގެ ހަވަނަ ދުވަހަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފަސްކުރައްވާފައެވެ.

މި ފަހަރުގެ އިންތިޚާބުގައި ޖުމްލަ ސާދަ ސަތޭކަ އަށްޑިހަ ހަތް ކެނޑިޑޭޓުން ވާދަކުރާނެއެވެ. މި ފަހަރުގެ އިންތިޚާބްގައި ވެރިކަންކުރާ ޕީޕީއެމުން 523 ކެނޑިޑޭޓޫން ވާދަކުރާއިރު އިދިކޮޅު އެމްޑީޕީން ވާދަކުރަނީ 469 ކެނޑިޑޭޓުންނެވެ. ޖުމްހޫރީ ޕާޓީން 81 ކެނޑިޑޭޓުންނާއި އެމްޑީއޭއީން 50 ކެނޑިޑޭޓުން މި އިންތިހާބުގައި ވާދަކުރެއެވެ. މީގެއިތުރުން ޑީއާރްޕީން 1 ކެނޑިޑޭޓާއި އަމިއްލަ ގޮތުން 363 ކެނޑިޑޭޓުން ވާދަކުރެއެވެ. 

އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން ފެށިގެން ކުރިޔަށްދާއިރު ލޯކަލް ކައުންސިލް ދެން އަންނަ ދައުރަށް ހަތަރު ރަށު ކައުންސިލަކާއި އަތޮޅު ކައުންސިލްގެ އެއްދާއިރާއަކަށް އިންތިޚާބު ނުބައްވާ މެމްބަރުން ވަނީ ހޮވިފައެވެ. 

ކުރިމަތިލީ ކެންޑިޑޭޓުންގެ ޢަދަދު އިންތިޚާބުކުރަންޖެހޭ މެމްބަރުންގެ އަދާދާއި އެއްވަރުވުމުން އިންތިޚާބަކަށް ނުގޮސް ކައުންސިލަރުން ހޮވިފައިވަނީ ރ .ކިނޮޅަހު ކައުންސިލާއި، އދ.ދިއްދޫ ކައުންސިލާއި، މ.ރަތްމަންދޫ ކައުންސިލާއި ތ.ގުރައިދޫ ކައުންސިލެވެ. އަތޮޅު ކައުންސިލްތަކުން ހދ.އަތޮޅު ކައުންސިލް ނޮޅިވަރަމް ދާއިރާއަށް އެންމެ ކެނޑިޑޭޓަކު ކުރިމަތިލާފައިވާތީ އެ ދައިރާގެވެސް އިންތިޚާބު ބާއްވާކަށް ނުޖެހެއެވެ. ހދ.އަތޮޅު ކައުންސިލް ނޮޅިވަރަމް ދާއިރާގެ ގޮނޑި ލިބިފައިވަނީ އިދިކޮޅު އެމްޑީޕީއަށެވެ.