ކުޅިވަރު

ރާއްޖެ ބަލިކޮށް ކިރިގިސްތާން ފެށުން ރަނގަޅުކޮށްފި


3ވަނަ އޭޝިއަން މެންސް ސީނިއަރ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ދިވެހި ވޮލީ ޓީމް ވާދަކުރި ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ކިރްގިސްތާނާއި ދިވެހިރާއްޖެ ވާދަކުރި މެޗުން ދިވެހި ޓީމް ބަލިވީ ސީދާ ތިން ސެޓުންނެވެ.

 މެޗުގެ ފުރަތަމަ ސެޓު ކިރްގިސްތާން ކާމިޔާބުކުރީ 22-25 އިންނެވެ. ވާދަވެރި ކުޅުމެއް ފެނުނު ދެވަނަ ސެޓު 21-33 އިން ކިރްގިސްތާން ކާމިޔާބުކުރިއިރު، ފަހު ސެޓުން ދިވެހި ޓީމް ބަލިވީ 20-25އ އިންނެވެ.

 މެޗަށްފަހު ދިވެހި ގައުމީ ވޮލީ ޓީމްގެ ކޯޗް މުޙައްމަދު ޝަރަފްބުނީ މެޗުގައި ދެއްކި ކުޅުން ވަރަށް ރަނގަޅުކަމަށާއި، ތިން ސެޓުން ބަލިވުމުން ނަތީޖާ ގޯސްކަމަށެވެ. ފުރަތަމަ ދެ ސެޓުގައިވެސް ޓީމަށް ނިންމާލަން ފުރުސަތު ލިބި އެކަން ކާމިޔާބު ނުވީކަމަށާއި، ކުރިއަށްހުރި މެޗުތަކުގައި ޓީމުން އެންމެ ބޮޑަށް ވިސްނަންވީ އެކަމަށްކަމަށް ޝަރަފް ބުންޏެވެ. ބައިނަލްއަގްވާމީ މުބާރާތްތަކުގައި ދިވެހި ޓީމުގެ ފުރަތަމަ މެޗުގައި ބަލިވުމަކީ އާންމުކަމެއްކަމަށާއި، މިހާރު އުއްމީދަކީ ކުރިއަށްހުރި މެޗުތައް ކާމިޔާބުކޮށް ފައިނަލްގެ ޖާގަ ހޯދުންކަމަށްވެސް ޝަރަފް ބުންޏެވެ.



"ފުރަތަމަ ދެ ސެޓު ގެއްލުނީމަ މެންޓަލީ ކުޅުންތެރިން ސަކަރާތްވެފަ ތިބީ. މުޅި މެޗަށް ބަލާއިރު އެބަޖެހޭ ސެޓު ނިންމަން ދަސްކުރަން، އެކަން ނުކޮށް ނުވާނެ މޮޅެއް، ކުރިއަށްހުރި މެޗުތަކުގައި އެކަން ރަނގަޅުކުރަން ވިސްނަން އެބަ ޖެހޭ" ޝަރަފް ބުންޏެވެ.



މެޗަށްފަހު ކިރްގިސްތާން ޓީމްގެ ކެޕްޓަން ކިލިޗް ސަރްބަގްޝިއޭވް ބުނީ މެޗުގައި ޓީމްގެ ކޯޗްގެ އިރުޝާދަކަށްވީ ކެތްތެރިކަމާއިއެކު ކުޅެ ލިބޭ ފުރުސަތުގެ ބޭނުން ހިފުންކަމަށާއި، މި ކާމިޔާބަކީ ކޯޗްގެ އިރުޝާދަށް ބޯލެބުމުގެ ނަތީޖާކަމަށެވެ. މެޗުގައި ހުރިހާކަމެއްވެސް ވަރަށް ފުރިހަމަކަމަށާއި، ކުޅުމަށާއި، ސަޕޯޓަރުންގެ ފޯރިއާއި ހުރިހާ ކަމަކަށް ބަލާނަމަ ނިމިގެންމިދިޔައީ ވަރަށްވެސް ބަލާހިތްވާކަހަލަ މެޗެއްކަމަށް ކިލިޗް ބުންޏެވެ.

 "ކޯޗް ކުޅުންތެރިން ކައިރީގައި ބުނަމުންދިޔައީ ކެތްތެރިވާށޭ، ފުރުސަތު ލިބޭނޭ، އެހެންވެގެން އަސްލު މޮޅުމިވީ، ސްކޯއަށް ނުބަލައި ބުނާނަމަ މެޗުގައި ހުރިހާކަމެއްވެސް ފުރިހަމަ، ވާދަވެރި ކުޅުން، ސަޕޯޓަރުން، ރެފްރީކަން ކުރުންވެސް ފުރިހަމަ" ކިރިގިސްތާން ޓީމްގެ ކެޕްޓަން ބުންޏެވެ.

3ވަނަ އޭޝިއަން މެންސް ސީނިއަރ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ނޭޕާލް ނިކުންނާނީ ތުރްކްމިނިސްތާނާއި ދެކޮޅަށެވެ.