ކޮމާރޝަލް ބޭންކް އޮފް މޯލްޑިވްސް އިން އަންހެނުންނަށް ޚާއްސަ ސޭވިންގްސް އެކައުންޓްގެ ޙިދުމަތަކާއި އަންހެން ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ލޯން ސްކީމެއް ތައާރަފްކޮށްފިއެވެ.
ކޮމަރޝަލް ބޭންކު އޮފް މޯލްޑިވްސް އިން އަލަށް ތަޢާރަފްކޮށްފައިވާ ދެ ޕްރޮޑަކްޓު އިފްތިތާޙުކުރުމަށް ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމެވެ.
މިއަހަރުގެ އަންހެނުންގެ ދުވަހާ ގުޅިގެން ކޮމަރޝަލް ބޭންކު އޮފް މޯލްޑިވްސް އިން "ކުޅަދާނަ އަންހެނުން"ގެ ނަމުގައި ތަޢާރަފްކޮށްފައިވާ އާ ދެ ޕްރޮޑަކްޓަކީ، އަންހެނުންނަށް ޙާއްސަ ސޭވިންގެ އެކައުންޓަކާއި، އަންހެން ވިޔަފާރިވެރިންނަށް ޚާއްސަ ލޯން ސްކީމެކެވެ.
img:http://s3.psmnews.mv/images/660x400/14902875436250.jpg|ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް- ފޮޓޯ: ޕީއެސްއެމް
މިއަދުގެ ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ރެޖިސްޓްރަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވަނީ އަންހެނުން، ޤައުމު ކުރިއެރުވުމުގައި އަދާކުރާ އިސް ރޯލު ފާހަގަކުރައްވާފައެވެ. އަދި އަންހެނުންނަށް އެންމެ މުހިއްމު އެއް ކަމަކީ އިޤްތިސާދީ ފުއްދުންތެރިކަން ކަމަށާއި މިހާރު ލިބެން ހުރި ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް އަންހެނުންނަށް ވިސާމް ގޮވާލެއްވިއެވެ.
މި ހަފްލާގައި ކޮމަރޝަލް ބޭންކުގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޑިލަން ރާޖަޕަކްސާ ވިދާޅުވީ ކުރިމަގުގައި އެ ބޭންކުން އިތުރު ޚިދުމަތްތަށް ތަޢާރަފްކުރަމުން ދާނެކަމަށެވެ.
"ކުރިއަށް އޮތް މަސްތަކުގައި ވިސާ އަދި މާސްޓަރކާޑުގެ ޙިދުމަތާއި އިންޓަރނޭޝަނަލް ޑެބިޓު އަދި ކުރެޑިޓު ކާޑު އަދި ހައުސިންގ ލޯން ތައާރަފްކުރުމަށް ކޮމަރޝަލް ބޭންކުން ވަނީ ނިންމާފައި" ޑިލަން ވިދާޅުވިއެވެ.
ކޮމަރޝަލް ބޭންކު އޮފް މޯލްޑިވްސް އިން އަލަށް ތަޢާރަފްކޮށްފައިވާ ދެ ޕްރޮޑަކްޓާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން، އެ ބޭންކުގެ ކޮމްޕެނީ ސެކްރެޓަރީ ފާތުމަތު މުޢާޒާ ވިދާޅުވީ އަންހެނުންނަށް ޚާއްސަ ސޭވިންގެ އެކައުންޓުގެ ދަށުން އަންހެނުންނަށް ފަސޭހަކަމާއި އެކު އެކައުންޓު ހުޅުވޭނެ ކަމަށާއި، އަންހެން ވިޔަފާރިވެރިންނަށް ޚާއްސަ ލޯން ސްކީމްގެ ދަށުން، އިންވެސްޓު ކުރާ ޢަދަދާއި އެއްވަރުގެ ޢަދަދެއް ލޯންގެ ގޮތުގައި ބޭންކުން ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
"އަންހެނުންނަށް ޚާއްސަ ސޭވިންގްސް އެކައުންޓާއެކު އޭޓީއެމް ކާޑުގެ ޙިދުމަތާއި، އިންޓަރނެޓު ބޭންކިންގް ޚިދުމަތުގެ 1 އަހަރުދުވަހުގެ ފީ ހިލޭ ކޮށްފައިމިވަނީ، ސޭފް ޑިޕްސިޓްސް ނޫނީ ލޮކަރ ފެސިލިޓީސްވެސް އެކައުންޓު ހުޅުވާ ފަރާތްތަކަށް %50 ޑިސްކައުންޓެއް އެކައުންޓަށް ލިބޭނެ. ލޯން ސްކީމްގެ ދަށުން އިންވެސްޓު ކުރައްވާ އަދަދާ އެއްވަރެއްގެ އަދަދެއް ލޯންގެ ގޮތުގައި ބޭންކުން ދެއްވާނެ އަދި ރަގަޅަ ރިޕޭ ކުރާ ފަރާތްތަކަށް ޓޮޕްއަޕް ކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެ" މުއާޒާ ވިދާޅުވިއެވެ.
ކޮމަރޝަލް ބޭންކު އޮފް މޯލްޑިވްސްއަކީ 150 މިލިއަން ރުފިޔާގެ ރައުސުލްމާލަކާއެކު، ހުސްވި އަހަރުގެތެރޭ ހުޅުވާފައިވާ ބޭންކެކެވެ.