ތަރައްްޤީ

އިންޑަސްޓްރިއަލް ވިލެޖުގެ %66 މަސައްކަތް ނިމިއްޖެ


ސިނާއީ ސަރަހައްދެއްގެ ގޮތުގައި، މާލޭގެ ހުޅަނގު ދެކުނުގައި ސަރުކާރުން ތަރައްޤީކުރައްވަމުން ގެންދަވާ އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް މިއަހަރުގެ މެއި މަހުގެ ތެރޭގައި ނިންމުމަށް އަމާޒުކުރައްވާފައިވާއިރު، އެތަނުގެ 66 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް މި މަސައްކަތުގެ ކޮންޓްރެކްޓަރ ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ހާމަކުރައްވައެވެ.

އިންޑަސްޓްރިއަލް ވިލެޖްގައި މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ވިލެޖްގެ އެތެރޭގައި ހިމެނޭ މަގުތައް ހެދުމުގެ މަސައްކަތެވެ. މި ހުރިހާ މަގެއްވެސް ތާރު އަޅައިގެން ހަދަމުންދާއިރު، މި މަސައްކަތުގެ 58 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އިންޑަސްޓްރިއަލް ވިލެޖަކީ، މާލެތެރޭގައި ހުރި ގަރާޖް ތަކާ ވާރކްޝޮޕްތަކާއި ކެމިކަލް ގުދަންފަދަ ތަންތަން އާންމުން ދިރިއުޅޭ ޞަރަހައްދާ ދުރަށް ބަދަލުކުރެއްވުމުގެ މަޤްޞަދުގައި ސަރުކާރުން ތަރައްޤީކުރައްވަމުންދާ ސަރަހައްދެކެވެ. 6.9 ހެކްޓަރުގެ ބިން ހިއްކަވައިގެން ސަރުކާރުން ތަރައްޤީ ކުރައްވާ މި ވިލެޖުގެ ބިން އެކަށީގެންވާ ގޮތެއްގައި ބޭނުންކުރުމަށްޓަކައި، ހައުސިންގ މިނިސްޓްރީން ނިންމަވާފައިވަނީ، އެތަނުގައި އިމާރާތްތައް ހެދުމަށްފަހު، ގުންދަންތައް ބޭނުންވާފަރާތްތަކަށް ކުއްޔަށް ދޫކުރައްވާގޮތަށެވެ. މިކަންކަން ކުރިއަށްގެންދެވުމަށް ބޭނުންވާ އުސޫލްތައް އެކުލަވާލެއްވުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ. އަދި މާލޭގައި ދުއްވާ ވެހިކަލްތަކުގެ އަދަދު އިތުރުވަމުން ދިއުމާއެކު، ޕާކް ކުރުމަށް ދިމާވެފައިވާ ދަތިކަން ޙައްލުކުރެއްވުމުގެ ގޮތުން އިންޑަސްޓްރިއަލް ވިލެޖްގައި މަލްޓިސްޓޯރީ ޕާރކިންގ ބިލްޑިންގއެއް އެޅުމަށްވެސް ވަނީ ނިންމަވާފައެވެ. މީގެ ސަބަބުން މާލޭގައި ދުއްވާ ޓެކްސީތައް ޕާރކް ކުރުމުގައި ދިމާވާ ޖާގައިގެ ދަތިކަމަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އިންޑަސްޓްރިއަލް ވިލެޖްގެ މަޝްރޫޢަކީ ގާތްގަނޑަކަށް 250 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.