ޚަބަރު

ރައުދާގެ މަރުގެ މައްސަލާގައި ދިވެހި ފުލުހުން ބަންގްލަދޭޝަށް!


ބަންގްލަދޭޝްގައި މަރުވެފައިވާ, ދިވެހި ދަރިވަރު ރައުދާ އާތިފްގެ މަރުގެ މައްސަލައާ ގުޅިގެން އޭނާގެ ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެޙާދިސާއާ ގުޅޭ މަޢުލޫމާތު ހޯދުމަށް ދިވެހި ފުލުހުންގެ ޓީމެއް ބަންގްލަދޭޝްއަށް ހިނގައްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނެރުއްވި ނޫސްބަޔާނެއްގައިވަނީ މިދިޔަ ބުދަދުވަހު ބަންގްލަދޭޝްގައި މަރުވި ޢުމުރުން 21 އަހަރުގެ ރައުދާ އާތިފްގެ މަރުގެ ތަހުޤީގާ ގުޅޭ މަޢުލޫމާތު ހޯދުމަށާއި، އޭނާގެ ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެގޮތުން ފުލުހުންގެ އިސް 2 އޮފިސަރަކު މިހާރު ބަންގްލަދޭޝަށް ފުރާ ވަޑައިގެންފައިވާކަމަށެވެ.

މިއީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް ގުޅިގެން އިންތިޒާމުކުރެއްވި ދަތުރެއްކަމަށް ފުލުހުންގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ. 

މިދަތުރުގައި ރައުދާގެ މަރާ ގުޅިގެން ކަމާގުޅުންހުރި މީސްމީހުންނާ ބައްދަލުކޮށް މަޢުލޫމާތު އެއްކުރުމާއި، ބަންގްލަދޭޝްގައި މިވަގުތު ދިރިއުޅެމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކޮށް އެދަރިވަރުންގެ ޙާލުއަހުވާލު އޮޅުންފިލުވަން ޖަމަޖެހިފައުވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މީގެއިތުރުން ބަންގްލަދޭޝް ފުލުހުން ކުރިއަށްގެންދާ، ރައުދަގެ މަރުގެ ތަހްޤީގު ކުރިއަށްދާގޮތް ދިވެހި ފުލުހުން ވަރަށްގާތުން ބަލަމުންދާކަމަށާ، މިޙާދިސާއާގުޅިގެން އެއްކުރެވޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ކުރިއަށްއޮތްތަނުގައި އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާ ޙިއްސާކުރައްވާނެކަމަށްވެސް ފުލުހުން މިއަދު ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރައުދާ އާތިފް މަރުވިއިރު އޭނާ ދިޔައީ ބަންގްލަދޭޝްގެ އިސްލާމިކް ބޭންކް މެޑިކަލް ކޮލެޖުން އެމްބީބީއެސް ހަދަމުންނެވެ.