އަގުހުރި އިނާމްތަކާއެކު އެސްޓީއޯ ހޯލްސޭލް ޕްރޮމޯޝަން ފަށައިފިއެވެ.
މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައިމަހުގެ އެކަކާއި ހަމައަށް އެސްޓީއޯ ހޯލްސޭލް ސެންޓަރުގައި ކުރިއަށްދާ މި ޕްރޮމޯޝަނުގައި 32 ބްރޭންޑެއްގެ ތަކެތި ހޯލްސޭލްކޮށް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯޝަން ރަސްމީކޮށް ފަށްޓަވައިދެއްވުމަށްފަހު އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރު ފާޠިމަތު އާޝާން ވިދާޅުވީ ހޯލްސޭޕް ޕްރޮމޯޝަންގައި އެއްހާސް ރުފިޔާއަށްވުރެ މަތިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ޕްރޮމޯޝަން ނިމުމުން ލަކީ ޑްރޯގެ ބައިވެރިންގެ މެދުގައި ގުރުއަތު ނެތުމަށްފަހު، އެއްވަނަ އަށް ހޮވޭ ފަރާތަކަށް ދުބާއި ދަތުރެއް، ދެވަނައަށް ހޮވޭ ފަރާތަކަށް ބެންކޮކް ދަތުރެއް، ތިންވަނަ އަށް ހޮވޭ ފަރާތަކަށް އިންޑޮނޭޝިއާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެނާ ވިދާޅުވިއެވެ.
މީގެއިތުރުން ދިހަ ފަރާތަކަށް އެސްޓީއޯ ސްޕަރމާޓުން ފަސް ހާސްރުފިޔާއާ ހަމައަށް ވިޔަފާރިކުރުމަށް ވައުޗަރއެއް ދިނުމަށްވަނީ ހަމަޖެހިފައި ކަމަށްވެސް އާޝާން ވިދާޅުވިއެވެ. އާޝާން ވިދާޅުވީ މި ޕްރޮމޯޝަން ބޮޑަށް ޚާއްސަ ކޮށްފައިވަނީ ރޯދަމަހު އެންމެ ގިނަ ޢަދަދަކަށް މީހުން ގަންނަން އަންނަ ތަކެއްޗަށް އަމާޒުކޮށްގެން ކަމަށާއި މި ޕްރޮމޯޝަންގައި ހަމަ ކޮންމެ ފަރާތަކަށްވެސް ހޯލްސޭލްކޮށް ތަކެތި ގެނެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން އެންމެ ބޮޑަށް މި ޕްރޮމޯޝަންގައި ޙާއްސަކޮށްފައިވަނީ ރޯދަމަހު އެންމެ ގިނައިން ބޭނުންކުރާ ތަކެއްޗަށް، އެގޮތުން ކުކިން އޮއިލް، ކޮންޑެންސް މިލްކް، ހިކި ކިރު ފަދަ ބާވަތްތައް ހިމެނޭނެ. އަދި މި ޕްރޮމޯޝަންގައި ހަމަ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ. އަދި ހޯލްސޭލް ސެންޓަރއަށް ވަޑައިގެން ތަކެތި ގަނެވޭނެ އަދި އެއްހާސް ރުފިޔާއަށް ވުރެއް މަތިން ތަކެތި ގަނެގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ" އާޝާން ވިދާޅުވިއެވެ.
އެސްޓީއޯއިން ވަނީ މިއަހަރުގެ ކޮންމެ މަހަކުވެސް އެކި އުފެއްދުންތަކަށް އަމާޒުކޮށްގެން ޕްރޮމޯޝަންތައް ބޭއްވުމަށް ނިންމާފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ޖޫސް ފެސްޓަކާއި، ޗޮކްލެޓް ފެސްޓެއްގެ އިތުރުން ކޭކު އެންޑް ވެފަރސް ފެސްޓިވަލެއް ވަނީ ބާއްވާފައެވެ.