ޚަބަރު

މަރުގެ މައްސަލައެއްގައި 2 މީހަކު މެރުމަށް ޙުކުމްކޮށްފި


ގްރޫޕަކުން ޙަމަލާދީ މީގެ 6 އަހަރު ކުރިން ވިލިމާލޭގައި މަރާލި އަޙްމަދު މިރްޒާގެ މަރުގެ މައްސަލާގައި ދެ މީހަކު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކުރައްވައިފިއެވެ.

މިރްޒާގެ މަރުގެ ބަދަލުގައި މަރަށް މަރުހިފުމަށް ޙުކުމްކުރައްވާފައިވަނީ ޏ. ފުވައްމުލަކު ޒާވިއާ ޢަބްދުﷲ ނަޒީފާއި ވ. ފަޒީލާ މަންޒިލް މުޙައްމަދު ޝިފާޢުގެ މައްޗަށެވެ. މި މައްސަލާގައި މިއަދު ކުރިމިނަލް ކޯޓުން އިއްވެވި ޙުކުމްގައި ވަނީ މިރްޒާއަށް ޙަމަލާދިނުމުގައި ޝިފާޢުއާއި ނަޒީފު ބައިވެރިވެފައިވާކަން ހެކިންގެ ހެކިބަހުން އެނގޭކަމަށެވެ. އަދި މިރްޒާ މަރުވެފައިވަނީ އެނާއަށް ދިން ޙަމަލާގެ ސަބަބުންކަން އޭނާގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގޭކަމަށްވެސް ހުކުމްގައިވެއެވެ. މިރްޒާއަށް ޝިފާޢުއާއި ނަޒީފު ޙަމަލާދީފައިވަނީ ބަދަލު ހިފުމުގެ ރޫޙެއްގައިކަންވެސް ދަށުކޯޓްގެ ނިންމެވުމުގައި ފާހަގަކުރައްވާފައިވެއެވެ.

މިރްޒާގެ މަރާ ގުޅިގެން އިތުރު މީހެއްގެ މައްޗަށްވެސް ދައުލަތުން ދަޢުވާކުރައްވާފައިވެއެވެ. އެހެންނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅުއްވައި ކޯޓުން ވަނީ އެނާ މިނިވަންކުރައްވާފައެވެ.

ދެހާސް އެގާރަވަނަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައި ވިލިމާލޭގެ ކުޑަކުދިންގެ ޕާރކް ކައިރީގައި ގްރޫޕަކުން އަޙްމަދު މިރްޒާއަށް ޙަމަލާދީފައިވަނީ ލަކުޑި ބުރިތަކެއް ބޭނުންކޮށްގެނެވެ. އަދި މިރްޒާ މަރުވެފައިވަނީ އޭނާއަށް ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށެވެ.