އައި.ޖީ.އެމް ހޮސްޕިޓަލްގައި މާބަނޑު އަންހެނެއްގެ ގަޔަށް އެޗް.އައި.ވީ ހުރި ލޭ އެޅި މައްސަލައިގައި ހުކުރުވިލޭރޭ ބާއްވަން އުޅުނު ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުން ކެންސަލްކޮށްފިއެވެ.
ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ ކޮމެޓީގެ ކުއްލި ބައްދަލުވުން މާދަމާ މެންދުރު ދޭއް ޖަހާއިރަށް މިހާރު ފަސްކޮށްފައިވާ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ހެލްތު މިނިސްޓަރ ޑރ.މަރިޔަމް ޝަކީލާގެ އިތުރުން އައިޖީއެމްއެޗް ހިންގުމާ ހަވާލުވެ ހުންނެވި ޑރ.މުހައްމަދު ހަބީބާއި އެހާދިސާގައި އިހުމާލުވެފައިވާ ކަމަށް ބުނާ ލެބޯރެޓްރީ ޓެކްނީޝަންވެސް ކޮމިޓީއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އެފަރާތްތައް ހާޒިރުކުރަން ނިންމީ އައިޖީއެމް ހޮސްޕިޓަލްގެ ކަންކަން މިހާރުން މިހާރަށް ރަނގަޅުކުރުމުގެ މަޤްޞަދުގައި ކަމަށް ކޮމިޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮމިޓީން މިހާރު މަސައްކަތް ފަށާފައިވަނީ އައިޖީއެމްއެޗް ރަނގަޅު ހާލަތަކަށް ގެންދިއުމަށް ކަމަށެވެ. އެގޮތުން އެހޮސްޕިޓަލާއި، ލެބޯޓްރީގެ ހާލަތު ހުރި ގޮތުގެ ފޮޓޯތަކާއި އެހެނިހެން ހެކިތައް ކޮމެޓީއަށް ބައެއް މެމްބަރުން ހުށަހަޅާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.