ތަރައްްޤީ

"މަތީ ތަޢުލީމަށްފަހު ޤައުމުގެ ތަރައްޤީގައި ބައިވެރިވާންޖެހޭ"


މަތީތަޢުލީމު ޙާސިލްކުރާ ދިވެހިންނަކީ ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި ބައިވެރިވާ އަދި ޤައުމުގެ އިސްމަޤާމުތަކާއި، މުހިންމު މަސައްކަތްތަކުގައި އިސްދައުރެއް އަދާކުރަން ތައްޔާރުވާ ބަޔަކަށް ވާންޖެހޭކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު، އަދި ކުރީގެ ބަންޑާރަނާއިބު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. 

ގައުމީ ޔުނިވާސިޓީން ދަސްވެނީންނަށް ސެޓިފިކެޓު ހަވާލު ކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ މަތީ ތަޢުލީމު ޙާސިލްކުރާ ދިވެހިންނަކީ ޤައުމުގެ ތަރައްޤީއަށް ޚިދުމަތްކޮށްދޭން ނިކުންނަން ޖެހޭ ބައެއްކަމަށްވެސް އާޒިމާ ވިދާޅުވިއެވެ. 

ސަރުކާރުން ޤައުމުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް ފާޑުކިޔަން ތިބުމަކީ ވަރަށްފަސޭހަ ކަމެއްކަމަށާ، އެހެންނަމަވެސް މަތީތަޢުލީމު ޙާސިލްކުރުމަށްފަހު ލިބޭނޭ ހަޤީގީ ކާމިޔާބީއަކީ ޤައުމުގެ ތަރައްޤީގައި ބައިވެރިވެ ޤައުމަށް ދިމާވާ ދަތި ޙާލަތްތަކުގައި ޚިދުމަތް ކުރުން ކަމަށް އާޒިމާ ވިދާޅުވިއެވެ. 

ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން އާޒިމާ ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީ އަކީ ޢިލްމީ ބަހުޘްތައް ކުރެވޭ ތަނެއްގެ ގޮތުގައި ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށާ، ޤައުމުގެ ޙާލަތާއި މުޖުތަމަޢު އިސްލާޙުކުރަން ކުރަންޖެހޭ މަސައްކަތްތަކާމެދު ދަރިވަރުން ވިސްނަންޖެހޭކަމަށެވެ. 

ކޮންމެ ޔުނިވަރސިޓީގެ ވެސް ޝަރަފާއި ފަޚުރު ހިފެހެއްޓުމަކީ އެތަނެއްގެ ދަސްވެނިންގެ ޒިންމާ އެއް ކަމަށާ، އަދި ތިމާ ކުރާ ކޮންމެ ކަމެއް ވެސް އެންމެ ފުރިހަމައަށްކުރާ ކަމެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރަންޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. 

މީގެ އިތުރުން އާޒިމާ ވަނީ މިއަދުގެ ދިވެހި މުޖުތަމަޢުގައި ހިނގަމުންދާ ބައެއްކަންކަމާއި، އެކަންކަން އިސްލާޙުކޮށް ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމުގައި ފަރުދުންގެ ޒިންމާތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. 

މީގެއިތުރުން ވަޞީލަތްތައް މަދު ދުވަސްވަރުގައި ވެސް ތަޢުލީމީ ގޮތުން ރާއްޖެ ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށްލެވޭ ކަމަށާއި އެހެންކަމުން ރާއްޖޭގެ ތަޢުލީމީ ދަރިންގެ ޚިދުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ޤައުމަށް ލިބެންޖެހޭ ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި ތަޢުލީމީ މަރުހަލާތަކުގައި ދަތިތަކާއި އުދަނގޫތައް ކުރިމަތިވާނެ ކަމަށާއި ނަމަވެސް އެކަންކަމަށް ކެތްތެރިވެ ހިތްވަރާއި އެކު މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވެ އެކަމަނާވަނީ އެކަމަނާގެ ތަޖުރިބާ ޔުނިވަރސިޓީގެ ދަރިވަރުންނާ ޙިއްސާކުރައްވާފައެވެ. 

ރޭ ބޭއްވި ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފްލާގައި 827 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.