ވިޔަފާރި

ދިވެހި 1000ރ ގެ ނޫޓް، ދުނިޔޭގެ ނޫޓް އެވޯޑުގެ ރަނަރަޕްގެ މަޤާމަށް!


މިދިޔަ އަހަރު ރާއްޖޭގައި ތަޢާރުފްކޮށް ބޭނުންކުރަން ފެށި ރަންދިހަފަހެއްގެ 1000 ރުފިޔާގެ ނޫޓް، ދުނިޔޭގެ ނޫޓް އެވޯޑުގެ ރަނަރަޕްގެ މަޤާމަށް ހޮވިއްޖެއެވެ.

ދުނިޔޭގެ އެންމެ ރީތި އަދި ސަލާމަތީ ގޮތުން އެންމެ ފުރިހަމަ ފައިސާގެ ނޫޓަށް ދޭ "ބޭންކު ނޫޓް އޮފް ދަ އިޔަރ" ގެ އެވޯޑު ރާއްޖޭގެ ނޫޓާ ވާދަކޮށް ކުޑަކުޑަ ތަފާތަކުން މިއަހަރު ޙާޞިލްކޮށްފައިވަނީ ސްވިޒަރލޭންޑުގެ ފަންސާސް ފްރޭންކް ނޫޓެވެ.

އިންޓަނޭޝަނަލް ބޭންކް ނޫޓް ސޮސައިޓީ، އައިބީއެންއެސްއިން ދޭ އަހަރުގެ ފައިސާގެ ނޫޓު އެވޯޑަކީ، ދުނިޔޭގެ ޤައުމުތަކުގައި ބޭނުންކުރާ ފައިސާގެ ނޫޓުތަކުގެ ތެރެއިން، އެންމެ ފާހަގަކޮށްލެވޭ ފައިސާގެ ނޫޓަކަށް ދޭ އެވޯޑެކެވެ.

އަހަރުގެ ފައިސާގެ ނޫޓު އެވޯޑު ލިބުނު ޤައުމު އިޢުލާންކޮށް އައިބީއެންއެސްއުން ހާމަކޮށްފައިވަނީ ސްވިޒަރލޭންޑާ އެންމެ ބޮޑަށް ވާދަކޮށްފައިވަނީ ރާއްޖޭގެ އެއްހާސް ރުފިޔާގެ ނޫޓު ކަމަށެވެ. މި އެވޯޑަށް ނަވާރަ ޤައުމެއްގެ ނޫޓުތައް ނޮވިނޭޓްވިއިރު، އެވޯޑާ އެންމެ ވާދަކޮށްފައިވާ ތިން ޤައުމުގެ އެންމެ ކުރީގައި ހިމެނެނީ ރާއްޖެއެވެ.

ރާއްޖޭގެ އެއްހާސް ރުފިޔާގެ ނޫޓާއެކު ދެވަނައަށް ހޮވުނު އަނެއް ދެ ނޫޓަކީ އާޖެންޓީނާގެ ފަސްސަތޭކަ ޕެސޯގެ ފައިސާގެ ނޫޓާއި ސްކޮޓްލޭންޑްގެ ފަސް ޕައުންޑުގެ ނޫޓެވެ.

އަހަރުގެ ބޭންކް ނޫޓް އެވޯޑު ދެނީ،އެވޯޑް ދޭ އަހަރުގެ ތެރޭގައި އަލަށް ތައާރަފްކޮށް، ޤައުމުގައި ދައުރުވާ ފައިސާގެ ނޫޓުތަކަށެވެ.

އެވޯޑް ދިނުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި ނޫޓުގެ ފަރުމާކުރުމުގެ ރީތިކަމާއި ޒަމާނީ އަދި ސަލާމަތީ ވަރުގަދަ ފީޗާސްތަކެއް އެ ނޫޓުއްގައި ހުރުން ހިމެނެއެވެ.

1000 ރުފިޔާގެ ނޫޓަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން ނެރުއްވި ދިވެހި ފައިސާގެ އާ ނޫޓު ސީރީސް "ރަންދިހަ ފަހެއް" ގައި ހިމެނޭ ހަ ނޫޓުގެ ތެރެއިން އަލަށް ތަޢާރަފްކުރެއްވި ނޫޓެވެ.

ރަންދިހަ ފަހެއްގެ ނޫޓް ސީރީޒްގެ ނޫޓްތަކަކީ ފެނުމުން މަޙްރޫމްވެފައިވާ މީހުންނަށްވެސް ނޫޓްތައް ދެނެގަތުމަށް ފަސޭހަ ފީޗާސްތަކެއް އެކުލެވިގެންވާ ނޫޓްތަކެއް. އެގޮތުން ކޮންމެ ނޫޓެއްވެސް ދެނެގަތުމަށް ނޫޓްގައި އުފުލިފައި ހުންނަ ބައިތަކެއް އެކުލެވޭ. އަލަށް ތަޢާރަފު ކުރެވުނު ނޫޓުތައް ޗާޕްކޮށްފައި ވަނީ، ޕޮލިމާގައިކަންވެސް ފާހަގަކޮށްލެވެއެވެ.

މި ނޫޓަށް ބައިނަލްއަޤުވާމީ މަޝްރަޙްގައި މިހާބޮޑު ކުރިއެރުމަކާއި މަޤްބޫލްކަމެއް ލިބިފައި މިވަނީ މި ނޫޓް ތަޢާރުފްކުރެއްވުމާއެކި ފާޑުކިޔާ ފަރާތްތަކުން މި ނޫޓްތައް ރަނގަޅު ނޫންކަމަށް ދައްކަން މަސައްކަތްކޮށް، އެ ވާހަކަތައް މަޑުޖެހިފައިވާ ދުވަސްވަރެއްގައެވެ.