ޚަބަރު

ދޯންޏެއް ބަންޑުން ޖަހާލައި 2 މީހަކު މަރުވެއްޖެ


މާލެއިން މުދާހިފައިގެން ރ.އަތޮޅަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ބަންޑުންޖަހާލައި 2 މީހުން މަރުވެއްޖެއެވެ. 

މިއީ އެލިއާއިން ރ. އަތޮޅުގައި ރިސޯޓެއް ތަރައްޤީކުރަމުންދާ "އާރަށަށް" މުދާ ހިފައިގެން ދިޔަ "ޕްރިންސަސް" ނަމަކަށް ކިޔާ ދޯންޏެކެވެ. 80 ފޫޓުގެ މިދޯނިން ދަތުރުކުރަމުންދިޔަ މީހުންގެތެރެއިން މަރުވީ އިންޑިއާ ދެމީހުންކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އެއީ 2 ފިރިހެނުންނެވެ. 

img:http://s4.psmnews.mv/images/660x400/14932687692457.jpg|

"ޕްރިންސެސް" ދޯނި ކ.ހިންމިޔަ ކައިރިއަށް އަޑިއަށް ގޮސްފައި ވަނީ 2000 ބަސްތާ ސިމެންތި ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށެވެ. މި ދޯނި އަޑިއަށްދިޔައިރު ދޯނީގައި ޖުމުލަ 11 މީހުން ތިއްބެވެ. އޭގެތެރޭގައި ދެ ދިވެހިންނާއި ނުވަ ބިދޭސީން ހިމެނެއެވެ.

img:http://s1.psmnews.mv/images/660x400/14932658656984.jpg|"ޕްރިންސަސް" ދޯނި ބަންޑުންޖަހާލި ޙާދިސާއިން ސަލާމަތްވި ބައެއް މީހުން - ޕީއެސްއެމް ފޮޓޯ: މުޙައްމަދު އަފްސަލް

މިޙާދިސާގައި ދެމީހަކު މަރުވުމުގެ އިތުރަށް، ދިވެއްސަކާއި ބިދޭސީ ދެ މީހަކަށް ވަނީ އެކިވަރުގެ ހާނީއްކަވެފައެވެ. މީގެ ތެރެއިން 2 ބިދޭސީންގެ ހާލު ވަރަށް ބޮޑުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. މި ދޯނިން ދަތުރުކުރި ހުރިހާ ފަޅުވެރިން އެމްއެންޑީއެފުން، މިހާރު ވަނީ މާލެ ގެނެސްފައެވެ. ޙާލުދެރަ މީހުންނަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ. 

img:http://s1.psmnews.mv/images/660x400/14932662136649.jpg|"ޕްރިންސަސް" ދޯނި ބަންޑުންޖަހާލި ޙާދިސާއިން ސަލާމަތްވި ބައެއް މީހުން - ޕީއެސްއެމް ފޮޓޯ: މުޙައްމަދު އަފްސަލް

މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ރޭ ފަތިހު 4:50 ހާއިރުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. މިކަމުގެ މައުލޫމާތު ލިބުމާއި އެކު ދޯނި އޮތް ސަރަހައްދަށް ގޮސް ކޯސްޓްގާޑް ހާރބާރ ކްރާފްޓް ވަނީ ޙަރަކާތްތެރިވެފައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.