ޚަބަރު

މޫސުމަށް ސަމާލުވުމަށް ކޯސްޓްގާރޑުން އިލްތިމާސް ކުރައްވައިފި


ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކޯސްޓްގާރޑުން އިލްތިމާސް ކުރައްވައިފިއެވެ.

ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ބައްލައިގެން ދަތުރުކުރެއްވުމަށާއި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ބޮޑަށް ބަރުނުކުރެއްވުމަށް ކޯސްޓްގާރޑުން އިލްތިމާސްކުރައްވައެވެ.

މީގެ އިތުރުން، ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވައިގެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާ ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު ނޫނީ މިފަދަ ކުޅިވަރުތައް ނުރޭއްވެވުމަށްވެސް ކޯސްޓްގާރޑުން އިލްތިމާސްކުރައްވައެވެ. އަދި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ޙަވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށްވެސް ކޯސްޓްގާރޑުން އިލްތިމާސްކުރައްވައެވެ.

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސްވަރަކަށް ވުމުން މޫސުމާބެހޭ ޤާއުމީ އިދާރާއިން ވަނީ މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް "ޔެލޯ އެލާޓް" ނެރެފައެވެ.