ސިޔާސީ

އީސީގެ މެންބަރުކަމަށް އައްޔަންކުރުމަށް ހަބީބުގެ ނަން ފާސްކޮށްފި





 


އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމަށް ހެންވޭރު ނީޓް އިސްމާއިލް ހަބީބް އަބްދުއްރަހީމް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިލެކްޝަންސް ކޮމިޝަނުގެ އިސް މަގާމްތަކެއް ފުރުއްވާފައިވާ އިސްމާއިލް ހަބީބް އެކޮމިޝަނަށް އައްޔަންކުރަން ފާސްކޮށްފައިވަނީ އެކަމަށް ނެގި ވޯޓްގައި ބައިވެރިވި ފަސްދޮޅަސް މެމްބަރުންގެ އަޤްލަބިއްޔަތުންނެވެ.


އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރަން ހަބީބްގެ ނަންފުޅު ފާސްކުރުމުގެ ކުރިން، އޭނާގެ ނަންފުޅު ދިރާސާކުރި ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅާ ބަހުސްކޮށްފައިވެއެވެ. މިބަހުސްގައި މަޖިލީހުގައި ހިމެނޭ ހުރިހާ ޕާޓީއަކުންވެސް ހަބީބްގެ ނަންފުޅަށް ތާއީދުކޮށްފައިވެއެވެ.


ފަސް މެމްބަރުން ތިއްބަވާ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމް ފުރަތަމަ ހުސްވީ އެކޮމިޝަނުގައި ހިމެނިވަޑައިގެންނަވާ އިބްރާހިމް ވަހީދު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. އެކޮމިޝަނަށް އައްޔަންކުރަން ހަބީބްގެ ނަންފުޅު ފާސްކޮށްފައިވާއިރު އެމަގާމަށް އޭނާ އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.


 
 


އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފައިވާއިރު، ސުޕްރީމްކޯޓުން މިދިޔަ އާދީއްތަދުވަހު އިއްވި ހުކުމަކާއި ގުޅިގެން އެކޮމިޝަނުގެ ދެ މެމްބަރެއްގެ މަގާމް އަނެއްކާވެސް ވަނީ ހުސްވެފައެވެ.