މިއަދު ދިވެހިރާއްޖޭގެ ޕްރިޒަން އޮފިސަރުންނަށް ތަމްރީނުދޭ މަރުކަޒެއް އުފައްދާ، ޕްރިޒަން އޮފިސަރުން ތަމްރީން ކުރަމުން ދާކަމީ، ޤައިދީންގެ ކަންކަން ވިލަރެސްކުރުމުގެ މަސައްކަތް ޒިންމާދާރުގޮތުގައި ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރެވޭ އެންމެ މުހިއްމު މަސައްކަތް ކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދު ﷲ ނާޡިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ޕްރިޒަން އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ކޯސްތަކުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ކުރިއަށްގެންދިޔަ ކޯސްތަކުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 4 ކޯހަކުން ދަސްވެނިވި ފަރާތްތަކަށް ސެޓްފިކެޓް ދީފައިވެއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދު ﷲ ނާޡިމް އިބްރާހިމް ވިދާޅުވީ، ކިތަންމެ މޮޅަށް ކިޔަވައިގެން ހުރި މީހެއް ނަމަވެސް، ވަކި ޙާއްސަ މަސައްކަތެއް ކުރަން އެމީހަކު އައިސް، އެކަމަކާ ކުރިމަތިލާ ހިސާބުން އޭނާއަށް ވަކި ޚާއްސަ ތަމްރީންތަކެއް ބޭނުންވާނެ ކަމަށެވެ.
އަދި މިއަދު ކުރިއަރާފައިވާ ކޮންމެ ޤައުމެއް ކުރިއަރާފައިވަނީ ޚާއްސަ މަސައްކަތްތައް ކުރަންތިބޭ މީހުންނަށް ޚާއްޞަ ތަމްރީން ދީގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި އެކަމަށް ބޭނުންވާ ޚާއްސަ ތަމްރީން އަބަދުވެސް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިފަދަ ކޯސްތަކުގެ ސަބަބުން މަސައްކަތްކުރާ މުވައްޒަފުން ޒިންމާދާރުވެ، ފަންނީ މުވައްޒަފުންނަށް ވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޕްރިޒަން އޮފިސަރުންނަށް ހިންގި ކޯސްތަކަކީ، ސެޓްފިކެޓް 1 އިން ކަސްޓޯޑިއަލް ސުޕަވިޝަން، ސެޓްފިކްޓް 1 އިން ސްޓާރޓިންގ އެގްރިކަލްޗަރ، ސެޓްފިކެޓް 2އިން ކަސްޓޯޑިއަލް ސްޕަރވިޒަން އަދި ލީޑަރޝިފް މެނޭޖްމަންޓް ފޯރ ކޮމިޝަންޑް އޮފިސަރެވެ.
މި ކޯސްތަކުން ދަސްވެނިވި ފަރާތްތަކުގެ އިތުރުން ވަކިވަކި ކޯސްތަކުން އެންމެ މަތިން މާކްސް ހޯދި ފަރާތްތަކަށް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންގެ ފަރާތުން ކ.ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ތަކެތި ހަދިޔާ ކޮށްފައިވެއެވެ.