އެސްޓީއޯއިން ވިއްކާ ފިޔައާއި ބިހާއި އަލުވި ހޯލްސޭލްކޮށާއި ރީޓެއިލްކޮށް ވިއްކާ އަގު ހެޔޮކޮށްފިއެވެ.
ކުރިން އެސްޓީއޯއިން 8 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ކިލޯއެއް މިހާރު ހަތް ރުފިޔާއަށް ވިއްކުމަށް އެކުންފުނިންވަނީ ނިންމާފައެެވެ. އަދި 170 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ބަސްތާއެއް މިހާރު ވަނީ 140 ރުފިޔާއަށް އަގު ހެޔޮކޮށްފައެވެ.
ކުރިން 10 ރުފިޔާއަށް ވިއްކަމުން އައި އަލުވި ކިލޯއެއްގެ އަގު މިހާރުވަނީ 9 ރުފިޔާއަށް ތިރިކޮށްފައެވެ. އަދި ކުރިން 220 ރުފިޔާއަށް އަލުވި ބަސްތާއެއް ވިއްކި ނަމަވެސް އަލުވި ބަސްތާއެއްގެ އަގު މިހާރުވަނީ 190 ރުފިޔާއަށް ހެޔޮކޮށްފައެވެ.
ކުރިން 270 އަށް ވިއްކަމުން އައި ބިސްކޭހުގެ އަގު މިހާރު 260 ރުފިޔާއަށް އަގު ހެޔޮކޮށްފައިވާ އިރު، ވަކިން ބިސް ވިއްކުމަށް ހަމަޖެހިފައިވަނީ ކުރިންވެސް ބިސް ވިއްކަމުން އައި އަގު ކަމަށްވާ އެއް ރުފިޔާ ފަންސާސް ލާރިއަށެވެ.
އެސްޓީއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވަނީ ރޯދަމަސް ނިމެންދެން ފިޔައާއި ބިހާއި އަލުވި އަގުހެޔޮކޮށް ބާޒާރުގައި ލިބެން ހުންނާނެ ކަމަށް ވިދާޅުވެފައެވެ.
ރޯދަމަހު އެންމެ ޑިމާންޑު ބޮޑުވާ ބާވަތްތަކުގެ ތެރޭގައި ފިޔައާއި ބިހާއި އަލުވި ހިމެނެއެވެ. އެސްޓީއޯއިން ފިޔައާއި އަލުއްވާއި ބިސް ރާއްޖެ ގެނެސް ވިއްކަން ފެށުމުން ބަޒާރުގައި މިތަކެތީގެ އަގު މައްޗަށްނުގޮސް އެއްވަރެއްގައި ހިފެހެއްޓޭކަން ފާހަގަކޮށްލެވެއެވެ.