ޚަބަރު

ޖީއެމްއާރުން ވަޅުލާފައިވާ ގިނަ ޢަދަދެއްގެ ކުނިތަކެއް ފެނިއްޖެ


ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ ސަރުކާރުން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު، މިހާރުގެ ނަމުންނަމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ޙަވާލުކުރި، އިންޑިއާގެ ޖީއެމްއާރު ކުންފުނިން ޤަވާޢިދާ ޚިލާފަށް އެއާޕޯޓުގައި ވަޅުލާފައިވާ ގިނަ ޢަދަދެއްގެ ކުނިތަކެއް ފެނިއްޖެއެވެ. 

ކުނިތައް ފެނި ޖީއެމްއާރުން ހިންގާފައިވާ ޤަވާއިދާ ޚިލާފު މިޢަމަލު ފަޅާއަރާފައިވަނީ އެއާޕޯޓުގެ އާ ރަންވޭ އުޅުމަށް މިހާރު ކުރިއަށްދާ މަޝްރޫޢުގެ މަސައްކަތެއްގައި ކޮންނަމުންދަނިކޮށެވެ. އެއާޕޯޓުގެ ކުނި ނައްތާލުމުގެ ޤަވާއިދަ ޚިލާފަށް ޖީއެމްއާރުންވަނީ މިސަރަޙައްދުގައި ބޮޑެތި އެއްގަމު އުޅަނގުފަހަރުވެސް ކުނީގެގޮތުގައި ވަޅުލާފައެވެ. 

މިކަމާގުޅޭގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަސްމީ ބަހެއް ލިބިފައެއްނުވެއެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ދިވެހި ދައުލަތަށް ގެއްލުންވާގޮތަށް ޖީ.އެމް.އާރު ކުންފުންޏަށް ކުއްޔަށްދީފައިވަނީ ރައީސް ނަޝީދުގެ ސަރުކާރުންނެވެ. 

ނަޝީދުގެ ވެރިކަމަށްފަހު މިކަމުގެ އެގްރީމެންޓު ދިވެހިސަރުކާރުން އުވާލުމާގުޅިގެން، ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ހޯދުމަށް ޖީއެމްއާރުން ދިވެހި ދައުލަތުގެމައްޗަށް ދައުވާކުރިއެވެ. އެހެންނަމަވެސް މިމައްސަލަ ބެލި ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމީ، ދިވެހި ސަރުކާރުން ޖީ.އެމް.އާރު ކުންފުންޏަށް ދޭން ޖެހޭނީ 250 މިލިއަން ޑޮލަރު ކަމަށެވެ. 

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ޖީ.އެމް.އާރު ކުންފުންޏަށް ކުއްޔަށްދީފައިވަނީ 28 ޖޫން 2010 ގައެވެ. އެގްރީމެންޓް ނިމުމަކަށް ގެނެސްފައިވަނީ 27 ނޮވެމްބަރު 2012 ގައެވެ.