ކުޅިވަރު

އައިބޭ ޕޮލިސް ކަޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން މިސްކިތްމަގަށް


އައިބޭ ޕޮލިސް ކަޕް ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މިސްކިތްމަގު އެންމެންގެ ގުޅުން ހޯދައިފިއެވެ. 

އެ ޓީމް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ފްރެންޑްސް ކްލަބް ފުނާޑާއި ވާދަކޮށް 3 ސެޓު 2 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ ފުރަތަމަ ސެޓާއި ހަތަރުވަނަ ސެޓު މިސްކިތްމަގު އެންމެންގެ ގުޅުން ކާމިޔާބުކޮށްފައިވާއިރު، ދެވަނަ އަދި ތިންވަނަ ސެޓު ކާމިޔާބުކޮށްފައިވަނީ ފްރެންޑްސް ކްލަބް ފުނާޑެވެ. ފަހު ސެޓް މިސްކިތްމަގު އެންމެންގެ ގުޅުން ގެންދިޔައީ 15-10 ނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ޚަދީޖާ މުޙައްމަދެވެ. 18 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ފާޠިމަތު ޖުމާ ޝަޖުމީއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ފްރެންޑްސް ކްލަބް ފުނާޑުގެ އާމިނަތު އަޒީމާއެވެ. އެންމެ މޮޅު ކޯޗަކީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ކޯޗު އިބްރާހިމް މުސްޠަފާއެވެ.

އައިބޭ ޕޮލިސް ކަޕް ވޮލީ މުބާރާތަކީ ފުލުހުންނާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމުގެ ގޮތުން، ފުވައްމުލަކުގައި ދިރިއުޅޭ ފުވައްމުލަކު ރަށްވެހިންނަށް ހުޅުވާލައިގެން ބޭއްވި މުބާރާތެއްކަމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މައުލޫމާތުދެއްވައެވެ. މުބާރާތަށް ބޮޑު ތަރުޙީބެއް ލިބިގެންދިޔަކަން ޕޮލިސް ސާރޖެންޓް އަދި މުބާރާތުގެ އިންތިޒާމް ކޮމިޓީގެ މެމްބަރ މުޙައްމަދު ޝުޖާޢު ފާހަގަކުރެއްވިއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފަރިކަމަނަ ޓީމެވެ.