ކުޅިވަރު

ކޮލަމްބިއާ އަތުން މޮޅު ނުވެވުނަސް ނޭމާ ހިތްހަމަ ޖެހިފައި


ކޮލަމްބިއާ ކަހަލަ ވަރުގަދަ ޓީމެއް އަތުން ޕޮއިންޓެއް ލިބުމަކީވެސް ހިތްހަމަޖެހުމެއްކަމަށް ބްރެޒިލްގެ ނޭމާ ބުނެފިއެވެ. 

ވޯލްޑްކަޕް ކޮލިފައިންގައި ކޮލަމްބިއާއާ ވާދަކޮށް 1-1ން އެއްވަރުވި މެޗަށްފަހު ބްރެޒިލްގެ ފޯވާޑް ނޭމާ ބުނީ ކޮލަމްބިޔާގެ ދަނޑުގައި އެޓީމް ބަލިކުރުމަކީ އުނދަގޫ މަސައްކަތެއްކަމަށެވެ. އޭނާ ބުނީ ހޫނުގެ ސަބަބުން ކުޅުންތެރިންނަށް މެޗުގައި ރަނގަޅު ކުޅުމެއް ދައްކަން އުނދަގޫވެސްވިކަމަށާއި، ބަލިނުވެ ކޮލިފައިންގައި ބާކީހުރި މެޗުތައް ނިންމާލަން ބޭނުންވާކަމަށެވެ. 

"ނަތީޖާ ގޯހެއް ނޫން، ކޮލަމްބިއާއާއި ދެކޮޅަށް ކުޅޭ ކޮންމެ މެޗެއް އަބަދުވެސް އުނދަގޫ، މި މެޗުން ޕޮއިންޓެއް ލިބުމަކީ ދަށް ނަތީޖާއެއް ނޫން" ނޭމާ ބުންޏެވެ.

މެޗުގައި ބްރެޒިލްގެ ގޯލް ޖެހި ވިލިއަން ބުނީ މެޗުން ބޭނުންވި ނަތީޖާ ނުނެރެވުނުކަމުގައިވިޔަސް މެޗުގައި ޓީމުން ދެއްކި ކުޅުން ރަނގަޅުކަމަށެވެ. 

ރޭގެ މެޗުގައި ކޮލަމްބިއާއިން ނަތީޖާ ހަމަހަމަކުރީ ރަޑަމަލް ފަލްކާއޯ ޖަހައިދިން ގޯލުންނެވެ. 

އަނިޔާއަށްފަހު ރޭގެ މެޗުގައި ކޮލަމްބިއާގެ ހަމޭސް ރޮޑްރިގޭޒްވަނީ ކުޅެފައެވެ. މެޗަށްފަހު ހަމޭސް ބުނީ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިން އެންމެ ފަހު މެޗާއި ހަމައަށް ފޯރިގަދަވާނެކަމަށާއި، ތާވަލްގެ ފުލުގައި އޮންނަ ޓީމާއި ދެކޮޅަށް ނިކުންނައިރުވެސް ފަސޭހައިން މޮޅުވެވޭނެކަމުގެ ޔަގީންކަމެއް ނޯންނަކަމަށެވެ.