ސިވިލް ސަރވިސް ކޮމިޝަނާއި ޤައުމީ ޔުނިވަރސިޓީން ގުޅިގެން ތަމްރީނު ޕްރޮގްރާމުތައް ހިންގުމާއި، ޢިލްމީ ދިރާސާތައް ކުރުމާއި، ތަޖްރިބާއާ ވަޞީލަތްތައް ހިއްސާކޮށް ގުޅިގެން މަސައްކަތްކުރުމަށް، އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޤައުމީ ޔުނިވަރަސީޓީގެ ކޮންފަރެންސް ރޫމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި އެއްބަސްވުމުގެދަށުން، މި ދެ މުއައްސަސާއިން ހިންގާ ތަމްރީނު ޕްރޮގްރާމްތަކަށް ދެ މުއައްސަސާގެ މުވައްޒަފުންނަށް ފުރުޞަތު ފަހިކޮށްދިނުމާއި، ސިވިލް ސަރވިސް ހިނގުން ޒަމާނީކޮށް ހަރުދަނާކޮށް ކުރިއެރުވުމަށް، ޤައުމީ ޔުނިވަރސިޓީ ( އެމްއެންޔޫ) ބޭނުންވާ ޕްރޮގްރާމްތަކަށް ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓުން (ސީއެސްޓީއައި) އެހީތެރިވެދިނުން ހިމެނެއެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމެވެ. ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފެވެ. ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޑރ. ޢަލީ ޝަމީމު ވިދާޅުވީ މި އެއްބަސްވުމުގެދަށުން އެމްއެންޔޫގެ ޚިދުމަތްތަކާ ވަސީލަތްތައް ސީއެސްޓީއައިގައި ތަމްރީނުހަދާ މުވައްޒަފުންނަށް ހުޅުވިގެން ދިއުމަކީ ދެފަރާތަށްވެސް ނުހަނުގިނަ ފައިދާތަކެއް ކުރާނެކަމެއްކަމަށެވެ. އަދި ރިސާޗްކުރުން ފަދަ ދާއިރާތަކުގައި ދެފަރާތުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ އެކަމަށް ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ޑރ. ޝަމީމު ދެއްވިއެވެ. މީގެ އިތުރުން ސިވިލް ސަރވިސްއަށް އެންމެބޭނުންތެރި ދާއިރާތައް ފާހަގަކުރައްވާ އެ ދާއިރާތަކުން މަތީ ތައުލީމުގެ ފުރުޞަތުތައް ޔުނިވަރސިޓީން ފަހިކޮށްދެއްވުމަށްވެސް ޑރ.ޝަމީމު އެދިވަޑައިގެންނެވިއެވެ.
2020 ވަނަ އަހަރާއި ހަމަޔަށް ދިވެހިރާއްޖޭގެ ސިވިލް ސާރވިސްއަކީ ސާކްގެ 8 ޤައުމުގެ ތެރޭގައި އެންމެ ކުރިއަރާފައިވާއެއް ޤައުމަށް ހެދުމަށް އަމަޒުކުރައްވާކަމަށް ސިވިލް ސާރވިސް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމު ވިދާޅުވިއެވެ.
ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ދެއްކެވި ވާހަކަފުޅުގައި ސިވިލް ސަރވިސްގެ ދާއިރާއަށް ޚާއްޞަކޮށް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ މާސްޓަރސް ލެވެލްގެ ކޯހެއް ފެށުމަށް ޔުނިވަރސިޓީން މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.
އަދި ދެފަރާތުން ގުޅިގެން ޢިލްމީ ރިސާޗްތައް ކުރުމަކީ މުޅި ޤައުމަށް ވެސް އެކަމުގެ ފައިދާ ކުރާނެކަމެއްކަން ޑރ. ފަވާޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ފަހުމުނާމާގެ ސަބަބުން ޔުނިވަރސިޓީއާ ސީއެސްޓީއައިއިން ބަހާލައިގެން ބައެއް ބާވަތުގެ ކޯސްތަކާ ތަމްރީނު ޕްރޮގްރާމުތައް ހިންގުމުން ދެ ފަރާތުގެ ވަސީލަތްތައް ވެސް ހެޔޮގޮތުގައި ބޭނުންކުރެވި، ޚަރަދުކުޑަވެގެންދާނެކަން ޑރ. ފަވާޒު ފާހަގަކުރެއްވިއެވެ.
ސިވިލް ސަރވިސް ކޮމިޝަނާއި ޤައުމީ ޔުނިވަރސިޓީއާއެކު މިއަދު ވެވުނު ފަހުމުނާމާއަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ފަހުމުނާމާގައި ސޮއިކުރާދުވަހުން ފެށިގެން 5 އަހަރުދުވަހުގެ މުއްދަތަކަށެވެ.