އިޖްތިމާޢި ގޮތުން ދިމާވާ މައްސަލަތަށް ހައްލުކުރުމަށް ދީނި ޢިލްމުވެރިންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކޮށްދެއްވުމަށް ޑިފެންސް މިނިސްޓަރ ޢާދަމް ޝާރީފް ޢުމަރު ގޮވައިލައިފިއެވެ.
ދީނީ ޢިލްމުވެރިންގެ 5 މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދަޅުވީ މުޖުތަމަޢުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ދީނީ ޢިލްމުވެރިން ދައުރު ވަރަށް ބޮޑުކަމަށެވެ.
މި މަހާސިންތާގެ މި އަހަރުގެ ޝިޢާރަކީ "ދީނާއި ޤައުމިއްޔަތު- ދިވެހިންގެ ނާރެސް" މި މަހާސިންތާއަކީ އިސްލާމީ ނިޒާމްގައި ޝަރުއުކުރައްވާފައިވާ އުސޫލްތަކާމެދު ރައްޔިތުން ހޭލުންތެރިކުރުމާއި ޢިލްމުވެރިންގެ މަޢުލޫމާތާއި ޚިޔާލު ހިއްސާކުރުމަށް ބާއްވާ މަހާސިންތާ.
ޢިލްމުވެރިންގެ ފަސްވަނަ މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރާއްޖެއަށް ލިބެމުންދާ ކުރިއެރުންތަކާއި, ރާއްޖޭގެ ތަރއްޢީވުމުގައި ދީނީ ޢިލްމުވެރިންގެ ދައުރު ވަރަށް މުހިއްމުކަމަށެވެ. ބަވަނަވަމުންދާ ދުނިޔެއަށް ދިމާވާ ތަފާތު މައްސަލަތައް ރާއްޖެއަށްވެސް ކުރިމަތިވަމުން އަންނަކަން ފާހަގަ ކުރައްވާ ޑިފެންސް މިނިސްޓަރ ވިދާޅުވީ މިކަންތައްތައް ހައްލުކުރުމުގައިވެސް ދީނީ ޢިލްމުވެރިންގެ ދައުރު ވަރަށް ބޮޑުކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ ކުދި ޖަޒީރާ ޤައުމަކަށްވެފައި އެހެން ދީންތައް ފެތުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި، މުޖުތަމައުގައި ދިމާވާ ޢިޖްތިމާޢީ މައްސަލަތައް ހައްލުކުރުމުގެ އެންމެ ބޮޑު ހަތިޔާރަކީ ދީނީ ޢިލްމުވެރިންކަމަށެވެ.
"ޢިޖްތިމާޢި މައްސަލަތަކަށް އަޅުގަނޑު ޤަބޫލު ކުރާގޮތުގައި ޢިލްމުވެރިންގެ އެހީތެރިކަން ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންވާނެ. އަޅުގަނޑުމެންގެ ތެރެއިން ކީއްވެގެންތޯ ދީނީ ކަންތައްތަކަށް ތަފާތު ފިކުރުތައް އައުމުގެ ސަބަބުން އެއްބަޔަކު އަނެއްބަޔަކު ވަހާކަ ނުދައްކާ ހިސާބަށް އަޅުގަނޑުމެންގެ ހަލަތު ދާންވީ. އެއީ އަޅުގަނޑުމެން އެއްގޮތަކަށްވެސް ކުރަންޖެހޭ ކަމެއް ނޫން. ރާއްޖޭގެ ތަފާތު ކަންކޮޅުތަކަށް އިސްލާމްދީން ފެތުރުމުގައިވެސް ރާއްޖޭގައި ތިއްބެވި ޢިލްމުވެރިންގެ މަސައްކަތްތައް ވަރަށް ބޮޑުކަން ތާރީޚް ދިރާސާ ކުރާއިރުވެސް ފާހަގަކުރެވިގެންދޭ." ޑިފެންސް މިނިސްޓާރ އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރާއްޖެގައި ކިތަންމެ ވަރަކަށް ޙިޔާލު ތަފާތުވުންތައްތަކެއް އޮތްނަމަވެސް، އެންމެ މުހިއްމު އިސްކަމެއް ދީފައިވަނީ ޤައުމް ހިމާޔާތްކުރުމަށްކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ އަހްމަދު ޒިޔާދު ބާޤިރު ވިދާޅުވީ އިސްލާމީ ޤައުމުތައް ކުރިއަރާފައިވަނީ ދީނީ ޢިލްމުގެ އަސާސްތައް މެތީ ދެމިތިބުންމުންކަމަށެވެ. އިސްލާމީ ރިވެތި އުސޫލްތަކަށް ވިސްނާ އެ އުސޫލްތަކާއި އެއްގޮތަށް އަމަލުކުރަމުންދާނަމަ ދެކޮޅުވެރިކަން ނެތިގެން ހިނގައިދާނެކަމަށާއި، ސިޔާސީ ކަންތައްތައް ދީނުގެ ތެރެއަށް ނުވެއްދުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.
"ދުނީޔޭގައި އުފެއްދުންތެރިކަމުން، ދުނިޔޭގައި ކުރިއަރާފައިވާ ކޮންމެ ކުރިއެރުމަކީ މުސްލިމުންގެ ބިންގާ. އެހެންނަމަވެސް ތަފާޓު އެކިއެކި ސަބަބުތަކާހުރެ އަޅުގަނޑުމެންގެ އަތުން، އަޅުގަނޑުމެންގެ އުފެއްދުންތަކާއި އަޅުގަނޑުމެންގެ ހޯދުންތައް ގެއްލިގެން ގޮސްފައިމިވަނީ. އެންމެ މުހިއްމު އެއް ސަބަބެއްގެ ގޮތުގައި ޢިލްމުވެރިންގެ ފާހަގަކުރައްވަނީ މުސްލިމުންގެ މެދުގައި އުފެދިގެންދިޔަ ތަފާތު އެކިއެކި ކަންތައްތަކުން އުފެދިގެންދިޔަ ޚިޔާލު ތަފާތުވުންތައް. އަޅުގަނޑުމެންގެ ވާޖިބަކަށް ވާންވީ ރައްޔިތުންނަށް އިސްލާމްދީނުގެ ސައްހަ މަޢުލޫމާތު ފޯރުކޮށްދިނުން" އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދު ވިދާޅުވިއެވެ.
މި ފަހަރުގެ މަހާސިންތާގައި އިސްލާމީ ޘަޤާފަތާއި، ތަރުބިއްޔަތާއި ކުޑަކުދިންނާއި ޒުވާނުންނާއި އަންހެނުނާއި، މަސައްކަތްތެރިކާމާ މެދު ބަހުޘްކުރާނެއެވެ. އަދި ޤައުމިއްޔަތާއި އިންސާނީ ޙައްޤުތަކާމެދު ވެސް މި މިހާސިންތާގައި ބަހުޘްކުރާނެއެވެ. މި މަހާސިންތާގައި ރާއްޖޭގެ ފަސް ބޭފުޅަކާއި ރައްޖެއިން ބޭރުގެ ހަތް ބޭފުޅަކު ކަރުދާސް ހުށައެޅުމަށް ހަމަޖެހިފައިވެއެވެ. މި މަހާސިންތާ ކުރިޔަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.