ވިޔަފާރި

ޢިމާރާތްކުރާތަކެތި އިމްޕޯޓްކުރި މިންވަރު އިތުރުވެއްޖެ


މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ރާއްޖެއަށް އިމްޕޯޓްކުރި, ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ މިންވަރު ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %27.5 އިތުރުވެެއްޖެއެވެ. 

ޢިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަމަށް އަންނަމުންދާ ބަދަލު ދެނެގަނެވޭނެ، އެންމެ މުޙިއްމު އެއް ހިސާބަކީ ޢިމާރާތްކުރުމަށް ބޭނުންކުރާ ބާވަތްތައް އިމްޕޯޓުކޮށްފައިވާ މިންވަރެވެ. ސަބަބަކީ ރާއްޖޭގައި ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ ބޮޑުބަޔަކީ އިމްޕޯޓްކުރެވޭ މުދާކަމަށްވާތީއެވެ.   

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގައި ވާގޮތުން ޢިމާރަތްކުރުމުގެ ދާއިރާއަކީ ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އެންމެ ބާރަށް ކުރިއަރާފައިވާ ދާއިރާއެވެ. މި ދާއިރާގެ އުފެއްދުންތެރިކަން 2014ވަނަ އަހަރު %28.5 ގައިހުރިއިރު، 2015ވަނަ އަހަރު ވަނީ %26.8 ކުރިއަރާފައެވެ. އަދި 2016ވަނަ އަހަރު ވަނީ %17.1 ކުރިއަރާފައެވެ.

މި ކުރިއެރުން މައިގަނޑުގޮތެއްގައި ބިނާވެފައިވަނީ، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަޕްގްރޭޑިންގ އާއި ހުޅުމާލެ 2ވަނަ ފިޔަވަހި ތަރައްޤީކުރުމުގެ މަޝްރޫއު ފަދަ ދައުލަތުން ކުރިއަށް ގެންދާ ބޮޑެތި ޢުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގެ މައްޗަށެވެ. މީގެ އިތުރަށް އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދާ ޢިމާރާތްކުރުމުގެ މަސައްކަތްތައްވެސް ފާއިތުވި އަހަރުތަކުގައި ވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ.

މިގޮތުން ރިސޯޓް ޢިމާރާތްކުރުމާއި ގެދޮރު ބިނާކުރުމުގެ މަސައްކަތްތައްވެސް ވަނީ އިތުރުވެފައެވެ. ރިސޯޓު ޢިމާރާތްކުރުމުގެ ދާއިރާއަށް ބާލާއިރު، 2016ވަނަ އަހަރު ރާއްޖޭގައި ބޭނުންކުރެވޭ އެނދުގެ ޢަދަދު ވަނީ %12.5 އިތުރުވެފައެވެ. މިއީ ފަހުގެ ތާރީޚެއްގައި އަހަރެއްގެ ތެރޭގައި އެންމެ ގިނަ ޢަދަދަކަށް އެނދު އިތުރުވި އަހަރުކަން ފާހަގަކޮށްލެވެއެވެ.

އަމިއްލަ ފަރާތްތަކުން ދިރިއުޅުމަށާއި އެހެނިހެން ކަންކަމަށް ޢިމާރާތްކުރާ މިންވަރަށް ބަލާއިރު، 2016ވަނަ އަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މާލޭގައި ޢިމާރާތްކުރުމަށް ހުއްދަދީފައިވާ ތަންތަނުގެ ޢަދަދުވަނީ %71.4 އިތުރުވެފައެވެ.

މެދުރާސްތާގައި ސަރުކާރުން ހިންގަމުންދާ ބިޔަ އުމްރާނީ މަޝްރޫއުތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ހިންގާ ޢިމާރާތްކުރުމުގެ މަޝްރޫއުތަކާއި ރިސޯޓްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކާއިއެކު 2017ވަނަ އަހަރު ޢިމާރާތްކުރުމުގެ ދާއިރާގެ އިފެއްދުންތެރިކަން ބާރު ސްޕީޑެއްގައި ކުރިއަރައި، މެދުރާސްތާގައި މި ދުވެލި ދެމެހެއްޓޭނެކަމަށް ސަރުކާރުން ލަފާކުރެއެވެ.