ސިއްހަތު

ދުވަސް ނުފުރާ އުފަންވާ ކުދިން ނިޞްބަތުން ގިނަ: ޑަބްލިއު.އެޗް.އޯ


ދުނިޔޭގަ އުފަންވާ ކޮންމެ 10 ކުއްޖަކުން 1 ކުއްޖަކީ ދުވަސްނުފުރާ އުފަންވާ ކުއްޖެއް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން އަންދާޒާކުރެއެވެ. މިފަދަކުދިންނަކީ، މާކުރިން އުފަންވުމުން ވަރަށް ނާޒުކުގޮތަކަށް ދުނިޔެއަށް އައިސް، ބައެއް ޙާލަތްތަކުގައި ދިރިހުރުމާ މަރާ ކުރިމަތިލާންޖެހޭ ކުދިންތަކެކެވެ. ނަމަވެސް ރަގަނޅު ޞިއްޙީ ފަރުވާއާއިއެކު މިކުދިންނަށްވެސް ދިރިހުރުމުގެ ފުރުސަތު ބޮޑެވެ. ދިވެހި ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާނަމަ، މިދިޔަ ދެއަހަރު ތެރޭގައި ރާއްޖޭގައި ދުވަސްނުފުރާ 311 ކުދިން އުފަންވެފައިވެއެވެ. މިފަދަކުދިންނާ، ތުއްތުކުދިންނަށްދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ސަރުކާރާ، ހެލްތް މިނިސްޓްރީ އަދި ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދުވަސްނުފުރާ އުފަންވާ ކުދިންނަކީ، މާބަނޑުއިރު ފުރިހަމަ ކުރަންޖެހޭ 40 ހަފްތާހަމަނުވެ، ދިމާާވާ ޞިއްޙީ އެކިއެކި މައްސަލަތަކުގެ ސަބަބުން މާކުރިން އުފަންވާ ކުދިންނެވެ. ދުނިޔެއަށް އުފަންވާ ކޮންމެ 10 ކުއްޖަކުން އެއްކުޖަކީ ދުވަސްނުފުރާ ނުވަތަ ޕްރީމެޗުއަރކޮށް އުފަންވާ ކުދިންކަމަށް ދުނިޔޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. ޕްރީމެޗުއަރކޮށް އުފަންވާ ކުދިންގެ ތެރެއިން 1 މިލިއަން ކުދިން ޞިއްހީ އެކިއެކި މައްސަލަތަކުގެ ދިމާވެ މަރުވެއެވެ. ނަމަވެސް ބޭނުންވާ ފަރުވާ ދެވިއްޖެނަމަ މިއީ މަދުކުރެވޭނެ އަދަދެއްކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއެވެ. ޒަމާނީ ޓެކްނޮލޮޖީއާއެކު، ބޭސްފަރުވާގެ ފެންވަރުމަތިވެ، ކުރިއެރުމުގެ ސަބަބުން ދުވަސްނުފުރާ އުފަންވާކުދިން ދިރިހުރުމުގެ ފުރުސަތުވަނީ ބޮޑުވެފައެވެ.

ދުވަސްނުފުރާ ވިހެއުމަށް ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، މައިމީހާގެ ލޭގެ ޕުރެޝަރ މައްޗަށް ދިޔުން، ލޭގެ ހަކުރު މަތިވުން، މާނބަޑު ދުވަސްވަރު ހުން އައުން، މާކުރިން ފެންދުލި ފަޅައިގެންދިއުން، އެއްމާބަނޑު ދެކުދިންނަށް ބަލިވެއިނުން، އަދި މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ޢަމަލުތައް ހިމެނެއެވެ. ބައެއް ޙާލަތްތަކުގައި ދުވަސްނުފުރާ ވިހެއުމުގެ ސަބަބުން ޞިއްޙީގޮތުން އެކިއެކި މައްސަލަތަކާ ދިމާވެއެވެ. މީގެތެރޭގައި ފެނުމާ، އަޑުއިވުމުން މަހުރޫމް ވުން، ސެރެބްރަލް ޕަލްސީ އަދި ތޫނުފިލިކަން ދަށްވުން ފަދަ ކަންކަން ހިމެނެއެވެ. ދިވެހި ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާނަމަ މިދިޔަ ދެއަހަރުގެ ތެރޭގައި އައިޖީއެމްއެޗްގައި އެކަނިވެސް ޕްރީމެޗުއަރކޮށް 311 ކުދިން ވިހާފަވާއިރު، މިފަދަ 21 ކުދިންވަނީ ނިޔާވެފައެވެ. ޞަރަޙައްދީ އަދި ދުނިޔޭގެ ނިޞްބަތުންބެލިނަމަވެސް މިއީ ވަރަށް ދަށް ޢަދަދެއްކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއެވެ.

ދުނިޔޭގެ ޕްރިމެޗުއަރިޓީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މިދުވަސްފާހަގަކުރާ މައިގަނޑު މަޤްސަދަކީ، ދުވަސްނުފުރާ އުފަންވާ ކުދިންގެ ޢަދަދު އިތުރުވަމުންދާކަމަށް ފާހަގަކުރެވިފައިވާތީ މިކަމަށް މުޖުތަމައު ހޭލުންތެރިކުރުމެވެ. ރާއްޖޭގައި މިއަހަރު މިދުވަސް ފާހަގަކުރުމަށް މިމަހުގެ 17އިން 22ހަށް ވަނީ ހެލްތް މިނިސްޓްރީ، ހެލްޕް ޕްރޮޓެކްޝަން އެޖެންސީ އަދި އައިޖީއެމްއެޗުން ގިނަ ޙަރަކާތްތަކެއްކުރިޔަށް ގެންގޮސްފައެވެ.

ދުވަސްނުފުރާ އުފަންވާ ކުދިންނަށް ދުޅަހެޔޮ ޞީއްޙަތެއް ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ޞިއްޙީ ޚީދުމަތްތެރިނަށް ބޭނުންވާ ތަމްރީނާ، ފަންނީ ވަޞީލަތް ޤާއިމްކޮށްދިނުން ހިމެނެއެވެ. ރާޢްޖޭގައި ޅަފަތުގެ ކުދިންނަށް ދިމާވާ ޞިއްޙީ މައްސަލަތައް ޙައްލުކޮށް،  ފަރުވާ ދިނުމުގެ ކަންކަން ހަރުދަނާކުރުމަށް ސިއްހީ ވުޒާރާއިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭއިން ގުޅިގެން ރާއްޖޭގެ 6 އަތޮޅެއްގައި ވަނީ ތަމްރީން ޕްރޮގްރާމްތައް ހިންގާފައެވެ. މީގެ އިތުރުން ސާރކް ނިއުބޯން ކެއަރ ޕްރޮޖެކްޓްގެ ދަށުން 122 ރަށެއްގައި ޞިއްޙީ މަރުކަޒުގައި އުފަންވާއިރު ބަލިކޮށްތިބޭ ކުދިންނަށް ޚާއްޞަ ވަޞީލަތްތައް ޤާއިމްކުރެވިފައިވެއެވެ. އެހެންނަމަވެސް، ތުއްތުކުދިންނަށް ދެވޭ ޞިއްޙީ ފަރުވާހަރުދަނާކުރުމުގައި އަދިވެސް ދަތިތަކެއް ހުރިކަމަށް ރާއްޖޭގެ މައި ހޮސްޕިޓަލްކަމަށްވާ  އައިޖީއެމްއެޗުންވެސް ފާހަގަކުރެއެވެ. މިގޮތުން ޖާގައިގެ ދަތިކަމާ، ވަޞީލަތްތައް މަދުވުން އެއީ ދުވަސްނުފުރާ އުފަންވާކުދިންގެ އިތުރުން ކުޑަކުދިންނަށް ދެވޭ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް އެހޮސްޕިޓަލުން ބުނެއެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ ޢިމާރާތް ނިމުމުން މިކަމަށް ޙައްލެއް އަންނާނެކަމަށް، އައިޖީއެމްއެޗްގެ އޮފިޝަލުން އުންމީދުކުރެއެވެ.