ވިޔަފާރި

ގެޓްސެޓް ލޯން 37 ޒުވާނަކަށް


ޒުވާން ވިޔަފާރިވެރިން އުފެއްދެވުމަށް ސަރުކާރުން ފަށާފައިވާ ގެޓްސެޓް ލޯނު މި އަހަރު ލިބުނު 37 ޒުވާނުންގެ ލިސްޓް އާއްމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ލިސްޓް އާއްމުކޮށްފައިވަނީ ގެޓްސެޓް ނަންބަރާއި އެކުކަމަށެވެ. 

ގެޓްސެޓް ލޯން ޕްރޮގްރާމަށް ހޮވުނު ފަރާތްތަކުގެ ނަންތައް ޖެހުމުގެ ބަދަލުގައި ގެޓްސެޓް ނަންބަރު އާއްމުކޮށްފައިވަނީ ލޯން ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ޕާޓްނަރޝިޕެއް ހަދައިގެން ވިޔަފާރި ފެށުމަށް ބޭނުންވާ ފަރާތްތައް ކަމަށްވެފައި، އެންމެންގެ ނަންތައް ޖެހުމުގެ ބަދަލުގައި ގެޓްސެޓް ނަންބަރު ޖެހުމުން ލިސްޓް ބަލާ މީހުންނަށްވެސް ފަސޭހަވާނެތީ ކަމަށް އިކޮނޮމިކް މނިސްޓްރީން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރުގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤު ވިދާޅުވީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ލޯން ލިބުނު ފަރާތްތަކަށް އެމިނިސްޓްރީން ގުޅަމުންދާނެ ކަމަށެވެ. ލޯނު ލިބުނު ޒުވާނުން ސްޓާޓް އަޕް ޓްރެއިނިން ހަދަން ޖެހޭނެ ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާތެރޭ އެޒުވާނުންނާ ލާރި ހަވާލުކުރަން ފަށާނެ ކަމަށްވެސް ތައުފީޤު ވިދާޅުވިއެވެ.

މިފަހަރުގެ ގެޓް ސެޓް ލޯން ސްކީމަށް ފަސްސަތޭކަ ތިރީސް ފަރާތަކުން ކުރިމަތިލާފައިވެއެވެ.

މިއަހަރުގެ ގެޓްސެޓް ޕްރޮގްރާމަކީ ޖުމްލަ 25 މިލިއަން ރުފިޔާގެ ލޯން ޕްރޮގްރާމެކެވެ. މި ލޯން ޕްރޮގްރާމުގެ ބައިވެރިންނަށް ތިންސަތޭކަ ހާހާއި އަށްސަތޭކަ ހާސް ރުފިޔާއާއި ދެމެދުގެ ލޯނުތައް ދޫކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ގެޓްސެޓު ލޯން ޕްރޮގްރާމްގެ ފުރަތަމަ ބުރު ކުރިއަށް ގެންގޮސްފައިވަނީ 2015 ވަނަ އަހަރުގައެވެ. އެބުރުގައި 72 ޒުވާނުންނަށް ލޯނު ދޫކޮށްފައިވެއެވެ. ގެޓްސެޓް ލޯނުގެ ފުރަތަމަ ބުރަށް 500 އަށްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ އިރު، ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު ޝޯޓް ލިސްޓް ކޮށްފައިވަނީ 285 ފަރާތެކެވެ.