ޚަބަރު

ބިހުރޯޒް ކަމަނާ މިސްކިތް ތަޅާލުމަށް ނިންމާފައެއްް ނުވޭ


ބިހުރޯޒް ކަމަނާ މިސްކިތް ތަޅާލާ އެތަނުގައި ބާރަ ބުރީގެ އިމާރާތެއް އަޅަން އުޅޭ ވާހަކަތައް އިސްލާމިކް މިނިސްޓްރީން ދޮގުކޮށްފިއެވެ.

ބިހްރޯޒް ކަމަނާ މިސްކިތް ބަންދުކޮށްގެން ސަރުކާރުކުރަމުންދާ މަސައްކަތްތާއި ގުޅޭ ގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ .އަޙްމަދު ޒިޔާދު އެ މިސްކިތް ތަޅާލުމަށް އެއްވެސް އިރެއްގައި ސަރުކާރުން ނިންމާފައިނުވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބިހްރޯޒް ކަމަނާ މިސްކިތް ހުރި ސަރަހައްދުގައި މިހާރުކުރަމުންދާ މަސައްކަތަކީ އެ މިސްކިތުގެ ޖާގަ އިތުރުކުރުމުގެ ގޮތުން މިސްކިތުގެ ބޭރުން ބައެއް ހިޔާކުރުމުގެ މަސައްކަތްކަމަށެވެ. އަދި މި މަސައްކަތް ކުރިޔަށްދަނީ މިސްކިތަށް އެއްވެސް ބަދަލެއް ނުގެނެސްކަމަށާއި މި މަސައްކަތް ނިމުން ކުރިން ވިހި މީހުންނަށް ނަމާދުކުރެވޭ މި މިސްކިތުގައި ގާތްގަނޑަކަށް ފަންސާހާއި ސަތޭކައާ ދެމެދުގެ މީހުންނަށް ނާމާދު ކުރެވޭނެކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. 

މި މަސައްކަތުގެ ދަށުން މިސްކިތުގައި ވުޞޫކުރާނެ އިސްކުރު ބަރިއެއް ހަރުކުރުމުގެ މަސައްކަތް ކުރަމުން ދިޔައިރު އެ މިސްކިތުގެ ގޯތިތެރެއިން ވަނީ ގަބުރު ފެނިފައިވާކަމަށާއި އެ ސަރަހައްދު ކޮނެގެން މިހާތަނަށް 14 ގޯނީގެ ގަބަުރު ނަގާފައިވާކަމަށްވެސް މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ. 

ބިހްރޯޒް ކަމަނާ މިސްކިތްތާއި އިންވެގެން ހުރި ބޮޑުތަކުރުފާނު ޒިޔާރަތް ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ބުނެ ދެކެވޭ ވާހަކަތައްވެސް އިސްލާމިކް މިނިސްޓަރ ވަނީ ދޮގުކޮށްފައެވެ. މިނިސްޓަރ ޒިޔާދު ވިދާޅުވީ ބޮޑުތަކުރުފާނު ޒިޔާރަތް އެތަނުން ނަގަން ނުވަތަ އެއްވެސް ގެއްލުމެއް ދިނުމަށް ސަރުކާރުން ނިންމާފައިނުވާކަމަށެވެ.

" މި މަސައްކަތަކީ ބޮޑުތަކުރުފާނުގެ ޒިޔާރަތާ ގުޅުން ހުރި އެއްވެސް މަސައްކަތެއް ނޫން .އަދި ސަރުކާރުން އެކަހަލަ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ބޮޑުތަކުރުފާނުގެ ޒިޔާރަތް ނެގުމަށް. އެއްވެސް އިރެއްގައި މިނިސްޓްރީން އަދި އެއްވެސް ލިޔެކިއުމެއްގައިވެސް ނޯންނާނެ ބިހުރޯޒް ކަމަނާ މިސްކިތް ތަޅާލާ ވާހަކައެއް. " ޑރ.އަޙްމަދު ޒިޔާދު ވިދާޅުވިއެވެ.

ބިހްރޯޒް ކަމަނާ މިސްކިތް ހުރި ތަނުގައި އިމާރާތެއް ކުރުމަށް ބަޖެޓްގައި ހިމަފައިވާ ހިމެނުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޒިޔާދު ވިދާޅުވީ އިމާރާތެއް އެޅުމަށް ނިންމާފައިވަނީ މިސްކިތާއި އިންވެގެން ހުރި މިނިސްޓްރީގެ ގުދަނުގައި ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެތަނަކީ މިނިސްޓްރީގެ ބައެއް ސާމާނު ރައްކާކޮށްފައި ހުންނަ ގުދަނެއްކަމަށެވެ.