ޚަބަރު

ނުކުޅެދޭ މީހުންގެ ހައްޤުގައި މަސައްކަތް ކުރުމަށް 3 ބޭފުޅުން


ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވުމަށް 3 ގުޑްވިލް އެންބެސެޑަރުން އައްޔަނުކޮށްފިއެވެ. އެމެބެސެޑަރުން އައްޔަންކޮށްފައިވަނީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

އެމްބެސަޑާރުންގެ ގޮތުގައި އައްޔަން ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުގައި އަމިއްލަ ހައިސިއްޔަތުން މިހާރުވެސް މަސައްކަތްކުރަމުންދާ ޒިހްނަތު ހަސަން އާއި އަންސާމް އަހުމަދު އަދި މަރިޔަމް ފަޒްނީ އެވެ.  މިއެންބެސެޑަރުން ވެގެންދާނީ މިނިސްޓްރީއާ ޖަމުއިއްޔާ ޖަމައަތްތަކާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުގައި މަސައްކަތްކުރާނެ ބައެއްގެ ގޮތުގައެވެ. މި 3 އެމްބެސަޑަރުން އައްޔަންކޮށްފައިވަނީ ދެ އަހަރުގެ މުއްދަތަށެވެ. މިބޭފުޅުންނަށް އެމްބެސެޑަރުކަމަށް އައްޔަންކުރި ކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީއެވެ. 

img:http://s1.psmnews.mv/images/660x400/15123229878734.jpg|ގުޑުވިލް އެމްބެސެޑަރަކަށް އައްޔަންކުރެއްވި ޒިހުނަތު ހަސަން އަށް ޖެންޑަރ މިނިސްޓަރ ލިޔުން ހަވާލުކޮށް ދެއްވަނީ - ފޮޓޯ: ޕީއެސްއެމްނިއުސް

ގުޑްވިލް އެންބެސެޑަރުން ބުނީ މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ކުރުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.

"ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަޅުގަނޑު މިދާއިރާގައި މަސައްކަތްކުރާތާ މިވީ 15 އަހަރު. ފަރުދީ ފެންވަރެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އާއިލާތަކާއެކު މިދަނީ މަސައްކަތް ކުރަމުން. އެމްބެސެޑަރަކަށް ވުމުން މިދާއިރާއިން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިއްޖެ." ޒިހްނަތު ވިދާޅުވިއެވެ. 

މިރައްމިއްޔާތުގައިވަނީ މިނިސްޓްރީގެ ފަރާތުން ސަރުކާރު އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކަށް ހިންގި ބޭސިކް އަދި އެޑްވާންސް ސައިން ލޭންގުއެޖް ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓިފިކެޓް ހަވާލުކޮށްފައެވެ. ސައިން ލޭންގުއެޖް ކޯހުގެ ބައެއް ބައިވެރިންވަނީ މިފަދަ ކޯހެއްގެ މުހިންމުކަން ފާހަަގަކޮށްފައެވެ.

މިރައްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތާއި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި ސަރުކާރުގެ އެހެން އިސްވެރިންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުގައި މަސައްކަތްކުރާ ޖަމުއިއްޔާ ޖަމައަތްތަކުން ބައިވެރިވިއެވެ.