ޚަބަރު

ށ އަދި ނ އަތޮޅުގެ 26ރަށެއްގައި އިރުގެ އަލިން ކަރަންޓު އުފައްދަނީ


މިލަދުންމަޑުލު އުތުރުބުރިއާއި މިލަދުންމަޑުލު ދެކުނުބުރީގެ މީހުން އުޅޭ 26 ރަށެއްގަ އިރުގެ އަލިން ކަރައްޓު އުފައްދާ ނިޒާމް ޤާއިމުކުރުމުގެ އެއްބަސްވުމެއްގައި ޗައިނާގެ ސިނޮމެކް އިންޓަރނޭޝަނަލް ސަންގްރޯ ޖޮއިންޓް ވެންޗަރ ކުންފުންޏާއެކު އެންވައިރޮންމަންޓް މިނިސްޓްރީން ސޮއިކޮށްފިއެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އެންވައިރޮންމަންޓް އެންޑް އެނަރޖީ ތޯރިޤް އިބްރާހިމް އަދި ޗައިނާގެ ސިނޮމެކް އިންޓަރނޭޝަނަލް ސަންގްރޯ ޖޮއިންޓް ވެންޗަރގެ ފަރާތުން އެކުންފުނީގެ ނައިބް ރައީސް ޒިޔާއޯ ޒިއަން ޑޮން އެވެ.

12.1 މިލިޔަން ޑޮލަރުގެ މިޕްރޮޖެކްޓުގެ ދަށުން މިރަށްރަށުގައި 2.86 މެގަވޮޓުގެ ސޯލާ ޕީވީ ހަރުކުރާނެއެވެ. މީގެ އިތުރުން ޑީސަލުން ކަރަންޓު އުފެއްދުމަށް 4.86 މެގަވޮޓްގެ 29 ޖެނެރޭޓަރާއި 2.86 މެގަވޮޓް އަވަރގެ ބެޓެރީ އާއި 24 އޮޓޮމެޓިކް ސިންކްރަނައިޒިންގ ޕެނަލްބޯޑާއި 62 ޑިސްޓްރިބިއުޝަން ފޮއްޓާއި 10 ކިލޯމީޓަރުގެ ކޭބަލް ޤާއިމް ކުރުމަށް ހަމަޖެހިފައިވެއެވެ.



މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަރަމަންޓް އެންޑް އެނަރޖީ ތޯރިޤް އިބްރާހީމް ވިދާޅުވީ މި ޕްރޮޖެކްޓަކީ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކޮށްދީ އަދި ކަރަންޓައް ކުރާ ޚަރަދު ކުޑަކުރުމަށް ހިންގޭ ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި ރަށްރަށުގެ މަސައްކަތް އަންނަ އަހަރުތެރޭގަ ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.



"ވޭތުވެދިޔަ ހަތަރު އަހަރު އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު ވަނީ 6 މެގަ ވޮޓަށް އިތުރުކޮށްފަ. އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ޤާއިމްކުރުން. މި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ވަރަށް ގިނަ ހިސާބެއްގައި ސަރވޭކޮށް ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުންއެބަދޭ." މިނިސްޓާރ ތޯރިޤް ވިދާޅުވިއެވެ.



މިހާރު މިލަދުންމަޑުލު އުތުރުބުރިއާއި މިލަދުންމަޑުލު ދެކުނުބުރީގެ ހުރިހާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީޕް ވިދާޅުވީ މިފަދަ ޕްރޮޖެކްޓްތަކަށް ފެނަކަ ކޯޕަރޭޝަނުން ދޭންޖެހޭ އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި މިފަދަ ޕްރޮޖެކްޓްތަކުގެ ސަބަބުން ރާއްޖޭގެ ކަރަންޓްގެ ޚިދުމަތް ފުޅޭވެ ހަރުދަނާ ވެގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

"މި ޕްރޮޖެކްޓްތަކުގެ ސަބަބަބުން ރައްޔިތުން ކަރަންޓަށް ކުރަންޖެހޭ ޚަރަދުގެ އަދަދަށް ބަދަލުތަކެއް އަންނާނެކަމަށް އުއްމީދު ކުރެވޭ. އަދި މިފަދަ ޕްރޮޖެކްޓްތަކަކީ ރާއްޖޭގެ ކަރަންތުގެ ޚިދުމަތް ފުޅަކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއް." ޝަރީޕް ވިދާޅުވިއެވެ.

ށ އަތޮޅާއި ނ އަތޮޅުގައި މި ޕްރޮޖެކްޓް ހިންގުމަށް ނިންމިއިރު މީގެ ކުރިންވަނީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ނިޒާމް ރަނަގޅު ފެންވަރަކަށް ބަދަލުކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 5 ރަށެއްގައި އިރުގެ އަލިން ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކޮށްފައެވެ. އަދި 27 ރަށެއްގައި އިރުގެ އަލިން ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.