ޚަބަރު

ނަރުސްކަމަުގެ އަމަލީ ތަޖުރިބާއަށްފަހު ދަރިވަރުން މާލެ އަތުވެއްޖެ


އެޑިއުކޭޝަން މިނިސްޓްރީއާއި ޤައުމީ ޔުނިވަރސިޓީ ގުޅިގެން ހިންގަމުން އަންނަ 500 ނަރުހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން 74 ދަރިވަރުން އިންޑިޔާއިން އަމަލީ ތަޖުރިބާ ހޯދުމަށްފަހު ރާއްޖެ އަތުވެއްޖެއެވެ. ދެމަސްދުވަހުގެ އަމަލީ ތަޖްރިމާ ހޯދާފައިވަނީ އިންޑިޔާގެ އެސް.ޔޫ.ޓީ ހޮސްޕިޓަލުގައެވެ. ނަރުހުން ތަމްރީން ކުރުމަށް ހިންގާ ޕްރޮގްރާމްގައި ސެޓްފިކެޓް ހަތަރެކާއި ޑިޕްލޮމާ ފެންވަރަށް ދަނީ ކިޔަވައިދެމުންވެ. މިފަހަރު ރާއްޖެއިން ބޭރަށް އަމަލީ ތަޖުރިބާ ހޯދަން ދިޔައީ ސެޓްފިކެޓް ލެވެލް ހަތަރެއްގެ ފުރަތަމަ ބެޗްގެ ދަރިވަރުންތަކެވެ. 

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޓިވެޓް އޮތޯރިޓީގެ ޑިރެކްޓަރ އައިމިނަތު އަސްރާ ވިދާޅުވީ އެ އޮތޯރިޓީއާއި އެމްއެންޔޫ ގުޅިގެން ހިންގާ ޕްރޮގްރާމަކީ ރާއްޖޭގައި ހުރި ހޮސްޕިޓަލްތަކަށް ބޭނުންވާ ނަރުހުންގެ ވަޒީފާއަށް ދިވެހި ނަރުހުން ތަމްރީންކުރުމަށް ހިންގާ ޕްރޮގްރާމެއްކަމަށެވެ. ހަޔަރ އެޑިއުކޭޝާންގެ ލޯން ސްކީމުގެ ދަށުން ދަރިވަރުން ކިޔަވަމުންދާއިރު، ދަރިވަރުންގެ އަމަލީ ތަޖުރިބާ ހޯދާފައިވަނީ ހުރިހާ ދައިރާއަކުންވެސް ތަމްރީން ލިބުނު ހޮސްޕިޓަލަކުންކަން އަސްރާ ފާހަގަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ނަރުސް ކޯސް ފުރިހަމަ ކުރާ ދަރިވަރުންނަށް ވަޒީފާ ހަމަޖެއްސުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ކައިރި މުސްތަޤްބަލެއްގައި އެ އޮތޯރިޓީން ހިންގާ އެހެނިހެން ޕްރޮގްރާމްތަކަށް  ބޭނުންވާ އަމަލީ ތަޖުރިބާ ހޯދުމަށްވެސް ދަރިވަރުން ރާއްޖެއިން ބޭރަށް ފޮނުވާނެކަމަށް ޓިވެޓް އޮތޯރިޓީ އިން ބުނެއެވެ. 



"ނަރުސްކަމުގެ ކޯހުގެ އިތުރުން އެހެން ހަރަކާތްތަކެއްވެސް ރޭވިފަ އެބަހުރި. ނަރުހުންނަށް މިހާރު ކުރަމުންދާ މަސައްކަތަކީ އެކުދިން ފައިނަލް އެގްޒާމަށް ތައްޔާރުކޮށް ރިވިޝަން ދިނުމުގެ މަސައްކަތް. އެގްޒާމްނިމި ގްރެޖުއޭޓްވާންވާއިރަށް އެ ހުރިހާ ކުދިންނަށްވެސް ވަޒީފާ ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާނެ." އަސްރާ ވިދާޅުވިއެވެ.



ޓިވެޓްގެ ޕްރޮގްރާމްތަކާއިބެހޭ ގޮތުން ޓިވެޓް އޮތޯރިޓީގެ ކޮންސަލްޓެންޓް އައިޝަތު ސަމީރާ ވިދާޅުވީ ނަރުސްކަމުގެ ކޯސް ކުރިއަށްގެންދާއިރު އުނދަގޫތަކެއް އެބަހުރިކަމަށާއި، އެކަންކަން އެއްފަރާތްކޮށް ކޯސް އެންމެ ފުރިހަމަގޮތުގައި ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އޭނާ ވިދާޅުވީ ކޯހުގެ ހުރިހާ ތިއަރީ ބައެއް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށްކަމަށެވެ.



"އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިއަށްދިޔައިރު ހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރވެސް ވަރަށްކައިރިން މަސައްކަތްތައް ބައްލަވާ އެހީތެރިވެދިން. އަދި އެ ކޮޅުގައި އަޅުގަނޑުމެން ބޭނުންވާ ހުރިހާ ފެސިލިޓީސްތަކާއި ސްޓޭންޑަރޑްވެސް ހަމަޖައްސައިޑިފަ ހުރި" އަސްރާ ވިދާޅުވިއެވެ.



ނަރުސްކަމުގެ ކޯހުގެ އަމަލީ ތަޖުރިބާ ހޯދުމަށް އިންޑިއާއަށް ދިޔަ ދަރިވަރުންގެ ޝުއޫރު ޕީއެސްއެމް ނިއުސްއާ ހިއްސާކުރި. ދަރިވަރުން ބުނީ ކުރިން ނޭގޭ އެތައް ކަމެއް ތަމްރީން އަމަލީ ތަޖުރިބާގެ ތެރެއިން ދަސްވިކަމަށެވެ. ނަރުސްކަމުގެ ލެވެލް ހަތަރެއްގެ އިތުރު ބެޗެއް އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ޓިވެޓް އޮތޯރިޓީއިން ބުނެއެވެ.