ދީނާއި އަޅުކަން

ރާއްޖެ އިސްލާމްވީ ދުވަހާ ގުޅިގެން ޚާއްސަ ދުޢާކޮށްފި


ރާއްޖެ އިސްލާމަވީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ މަޢުރިބް ނަމާދަށް ފަހު ޚާއްސަ ދުޢާއެއް ކޮށްފިއެވެ.

ބޮޑުޖަމާޢަތުގައި ކުރި މިދުޢާގައިވަނީ ދިވެހި ދަޢުލަތަކީ އިސްލާމީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ތާއަބަދު ލެއްވުމަށް އެދި ދުޢާކޮށްފައެވެ. އަދި އިސްލާމީއަޤީދާ ބަލިކުރުމަށް ރާއްޖޭގައި މަސައްކަތް ކުރާ ފަރާތްތަކަށް ޖާގަނުދިނުމަށާއި  އެފަދަ ހަރަކާތްތައް ނެތިކުރެއްވުމަށް ދުޢާކޮށްފައިވެއެވެ. އަދި މި ދުޢާގައި ވަނީ މުޖުތަމައުގެ އަމަންއަމާންކަމަށް މަސައްކަތް ކުރާ ބަޔަކު ކަމުގައި ދިވެހިން ލެއްވުމަށާއި ފިތުނަ ފަސާދައާއި ނަފުރަތާއި ރުޅިވެރިކަމުން ހިތްތައް ސަލާމްތަވެފައި ތިބި ބަޔަކުކަމުގައި އެންމެހާ މުސްލިމުން ލެއްވުމަށް ދުޢާކޮށްފައިވެއެވެ. 

ދިވެހިންނަކީ ރީތި އަޚްލާގް ލިބިފައިވާ އަދި އެ އަޚްލާގާ އެއްގޮތަށް އަމަލުކުރާ ބަޔަކު ކަމުގައި ލެއްވުމަށާއި އިސްލާމްދީން ނޫން އެހެން ދީނަކަށް ދިވެހި ފަސްގަނޑުން ޖާގަ ނުދެއްވުމަށްވެސް މިދުޢާގައި އެދިފައިވެއެވެ. އަދި އެކަކު އަނެއްކަކަކަށް އެހީތެރިވުމާއި އެކުވެރި ބަޔަކު ކަމުގައި ލެއްވުމަށާއި އާއިލީ ގުޅުމާއި އިސްލާމީ އަޚްވަންތަކަން ދަމަހައްޓާ ބަޔަކު ކަމުގައި އަޅުގަނޑުމެން ލެއްވުމަށް ވެސް މިދުޢާގައި އެދިފައިވެއެވެ. 

މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރި މަޣުރިބް ނަމާދުގެ ޖަމާޢަތުގައި ސަރުކާރުގެ ގިނަ މުއައްސަސާތަކުގައި  ވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. 

ރާއްޖެ އިސްލާމްވިދުވަސް ފާހަގަކުރުމަމަށް މިމަހުގެ21  ވަނަ ދުވަހު ރަސްމީ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޙަރަކާތުގައި، ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވަޑައިގެންނެވުމަށް އިސްލާމިކް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.