ސިއްހަތު

އަރިދަފުސް ރޯގާފަދަ ބަލިތަކަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި


މި ދުވަސްވަރަކީ އުމުރާގެ އަޅުކަން ނިންމުމަށްފަހު މީހުން ރާއްޖެ އެނބުރި އަންނަ ދުވަސްވަރުކަމަށް ވުމާ، މި ދުވަސްވަރު އަރިދަފުސް ރޯގާއާއި މިނޫންވެސް އެހެނިހެން ގައިގައިން އަރާ ބަލިތައް އިތުރުވެގެން ދިޔުމުގެ ފުރުޞަތު އޮނާނެތީ އެކަމުން ސަމާލުވެ ތިބުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އިލްތިމާސްކޮށްފިއެވެ.

އެގޮތުން އެއްވެސް ގޮތަކަށް ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހިއަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއްފަދަ އެއްޗެއް ބޭނުންކޮށްގެން ނިވާ ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ. އަދި ބޭނުން ކުރާ މާސްކާއި ޓީޝޫފަދަ ތަކެތި ހާމަ ތަންތަނަށް އެއްލާލުމަކީ ރޯގާއާއި ބަލި ފެތުރުމަށް މަގުފަހިވެދާނެ ކަމެއްކަމުން އެކަމަށް ސަމާލުވެ އެފަދަ ތަކެތި ރައްކާތެރިކަމާއެކު ނައްތާލުމުގެ މުހިއްމު ކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

މިދުވަސްވަރު ހުމާއި ރޯގާ ފެތުރެމުންދާނެކަމަށް ލަފާ ކުރެވޭތީ އާއްމު ސާފްތާހިރުކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އެދެއެވެ. އެގޮތުން ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، އަތް ސާފްކުރުމަށް ސަމާލުކަން ދިނުމާއި، ރޯގާ ޖެހި ކެއްސާނަމަ މީހުން އުޅޭ ތަންތަނަށް ނުދިޔުން ފަދަކަންކަން ހިމެނެއެވެ. އަދި ކުނިވާ ޒާތުގެ ކާނާ އާއި އެހެނިހެންތަކެތި ރައްކާތެރިގޮތުގައި ނައްތާލުމާއި ކާބޯތަކެތި ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ރޯފިލާވަރަށް ކެއްކުމާއި ކެއްކުމަށްފަހު ބާކީވާ ކާނާ ފަހުން ބޭނުންކުރާނަމަ ރަނގަޅަށް ހޫނުކޮށްގެން ހޫނުކަންމަތީ ކެއުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މޭވާއާއި ތަރުކާރީ ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ދޮވެ ސާފުކޮށްގެން ކެއުންވެސް މުހިއްމުއެވެ.

ފެން ހަރުލާ ތަކެތިން  ޑެންގީ ފަތުރާ މަދިރި އާލާވުމަށް މަގުފަހިވާތީ ހުސްފުޅި، ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޭތެރެއާއި މަގުމައްޗަށް އުކާނުލުމާއި މަދިރި ހެފުމުން ސަލާމަތް ވުމަށްޓަކައި ވީހާބޮޑަށް ހަށިގަނޑު ނިވާވާ ގަޔައްދޫ، އަތްދިގު ހެދުންލުމަށްވެސް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

ހޭންޑް ފުޓް އެންޑް މައުތު ބަލި އަދި ފާނަބަސަންދު ފަދަ ގައިންގަޔަށް އަރާ ބައްޔެއް ޖެހިއްޖެނަމަ، މީހުން އެއްވެއުޅޭ ތަންތަނަށް ނުދިއުމާއި އަމިއްލަ ގެ ނޫން ތަނަތަނުން ކައިބޮއި އުޅުމުގައި އެތަންތަނުގެ ސާފުތާހިރުކަން ހުރި ނެތްގޮތް ބެލުން އަދި ގޭގައި ކާބޯތަކެތި ތައްޔާރު ކުރުމުގައިވެސް ސާފުތާހިރުކަމަށް އަހައްމިއްޔަތުކަންދިނުމަށްވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސް ކުރެއެވެ.