ޚަބަރު

ހިންނަވަރުގެ ބޯފެނުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ފާދިއްޕޮޅު ހިންނަވަރަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. ރައްކާތެރި ބޯފެނުގެ ނިޒާމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރަސްމީކޮށް ފައްޓަވާ ދެއްވީ އެމަނިކުފާނު މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ހިންނަވަރަށް ވަޑައިގަތުމުން އެރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.



ހިންނަވަރުގައި ޤާއިމްކޮށްފައިވާ ސާފު ބޯފެނުގެ ނިޒާމަކީ އެމެރިކާގެ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް (ޔޫއެސްއެއިޑް)ގެ ހިލޭ އެހީގެ ދަށުން ގާއިމްކުރި ނިޒާމެކެވެ. މިމަޝްރޫޢުގެ މަސައްކަތް ނިންމާ ޚިދުމަތްދޭން ފެށީ މިއަހަރުގެ ޖޫންމަހުގައެވެ. މި ނިޒާމުގެ ދަށުން ވާރޭ ފެން ރައްކާކުރުމަށްފަހު، އެފެނާއި މީރުކޮށްފައިވާ ލޮނު ފެން އެއްކޮށްގެން، ފެނުގެ ނެޓްވޯކެއްގެ ތެރެއިން 700 ގޭބީސީއަށް ފެން ފޯރުކޮށްދޭނެކަމަށް ހިންނަވަރު ކައުންސިލުން މައުލޫމާތުދެއެވެ. ހިންނަވަރުގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމުން ދުވާލަކު 80 ކިއުބިކް މީޓަރުގެ ފެން އުފެއްދޭނެވެ. އަދި މީގެ އިތުރުން، ރައްކާނުކުރެވޭ ވާރޭ ފެން ރަށުގެ ފެން ފަށަލައަށް ފޮނުވައިގެން ރަށުގެ ފެންފަށަލަ އިޔާދަ ކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވެއެވެ.



ހިންނަވަރުގައި ޤާއިމް ކޮށްފައިވާ ފެނުގެ ކޮލިޓީ ބަލާ ލެބޯޓަރީގެ އެހީގައި ހިންނަވަރުގެ އިތުރުން އެ ސަރަހައްދުގެ އެހެން ރަށްރަށަށް ބޭނުންވާ ފެނުގެ ކޮލިޓީ ދެނެގަތުމުގެ މަސައްކަތް ކުރެވޭނެއެވެ. އެމެރިކާގެ އެހީގައި މި ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކޮށްފައިވަނީ ޔުނޮޕްސް އާއި މިނިސްޓްރީ އޮފް އެންވާރަމަންޓް އެންޑް އެނާޖީ އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި ހިންނަވަރު ކައުންސިލް ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ އާދީއްތަ ދުވަހު ހެނދުނު ފެއްޓެވި 3 ދުވަހުގެ ދަތުރުފުޅުގައި އިއްޔެ ވަނީ މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫއަށާއި، ހެނބަދޫއަށާއި، ހޮޅުދޫ އަދި ވެލިދޫއަށް ޒިޔާރާތް ކުރައްވާފައެވެ.