ޚަބަރު

ނައްތާލާ ވެހިކަލްތައް ބާ ދަނގަޑުގެ ގޮތުގައި ރާއްޖެއިން ބޭރުކުރަނީ


ޓޯ ކުރުމަށްފަހު ނަތްތާލާ ވެހިކަލްތައް ބާ ދަނގަޑުގެ ގޮތުގައި ރާއްޖެއިން ބޭރަށް ބޭރުކުރަމުން ގެންދާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.

ފުލުހުންގެ ހެޑް އޮފް ޓްރެފިކް ޑިޕާރޓްމެންޓް ޗީފް އިންސްޕެކްޓަރ ޙުސެއިން ސަމީރު ވިދާޅުވީ ޓޯ ކޮށްގެން ނައްތާލާ އުޅަނދުތައް ނަތްތާލުމަށް ބޭރުގެ ކުންފުންޏަކާއި ހަވާލުކޮށްގެން އެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެތަކެތި ބާ ދަނގަޑުގެ ގޮތުގައި ބޭރު ކުރަމުން އަންނަކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

ޤަވައިދާ ހިލާފަށް ޕާކްކޮށްގެން ޓޯ ކޮށްފައިވާ 500 ވުރެ ގިނަ ސައިކަލް ނައްތާލުމަށް ފުލުހުން އިއްޔެވަނީ ތިލަފުއްޓަށް ގެންގޮސްފައެވެ. ފުލުހުން ބުނީ ނައްތާލުމަށް ތިލަފުއްޓަށް ގެންދިޔަ ސައިކަލްތަކަކީ ޓޯ ކުރުމަށްފަހު އެތަކެއްޗާއި ހަވާލުވުމަށް ދިން  މުއްދަތުގައި ބަލައި އައިސްފައިނުވާ ސައިކަލްތަކެއްކަމަށެވެ. މީގެ ތެރޭގައި ސައިކަލްގެ ވެރިފަރާތް ބަދަލުވުމުންވެސް ރަޖިސްޓްރީ ބަދަލުނުކޮށް އޮތުމުން ރަޖިސްޓްރީ އޮތް ފަރާތުގެ ލިޔުމެއް ނެތިގެން އަނބުރާ ނުގެންގޮސްވާ ސައިކަލްތައް ހިމެނޭކަމަށްވެސް ފުލުހުން ބުނެއެވެ.

އުޅަނދުތައް ނައްތާލުމަށް ތިލަފުއްޓަށް ގެންދިޔަނަމަވެސް ހުށައަޅަންޖެހޭ ލިޔެކިޔުންތައް ހުށައެޅުމަށްފަހު ސައިކަލްތައް އަނބުރާ ގެންދިޔުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށް ފުލުހުން ބުނެއެވެ.

ޤަވައިދާ ހިލާފަށް ޕާކްކޮށްގެން ނުވަތަ ނުރައްކާތެރިކޮށް ދުއްވައިގެން ޓޯ ކުރެވިފައިވާ އުޅަނދުތައް ޓޯ ކުރާތާ 72 ގަޑިއިރުގެ ތެރޭގައި ފުލުހުން އެތަކެތީގެ މަޢުލޫމާތު އާއްމުކުރެއެވެ. އަދި އެ ތަކެތި ނަތްތާލަނީ އެ ތަކެތި އަނބުރާ ގެންދިޔުމަށް ދެ މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހުގައެވެ.

ޤަވައިދާ ހިލާފަށް ޕާކުކޮށްގެން ޓޯ ކުރާ އުޅަނދުތައް 60 ދުވަހުގެ ތެރޭގައި އެ ތަކެތީގެ ވެރިފަރާތްތަކުން އަނބުރާ ގެންދިޔުމަށް ފުލުހުން އިލްތިމާސްކުރެއެވެ.