ޚަބަރު

އެމްޕީއެލް ޓަވަރުތައް އަޅަން ސިންގަޕޫރު ކުންފުންޏަކަށް


ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުގެ ހިޔާގެ ޕްރޮގްރާމްގެ ދަށުން އެމްޕީއެލުން އަޅާ ފްލެޓްތަކުގެ މަސައްކަތް ސިންގަފޫރްގެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

އެމްޕީއެލުން ބުނީ އެ ކުންފުނިން އަޅާ 3 ޓަވަރުގެ މަސައްކަތް ސިންގަޕޫރްގެ ކުންފުންޏަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި މިމަހުގެ 28 ވަނަދުވަހު ސޮއިކޮށްފައިވާކަމަށެވެ. އަދި އެ 3 ޓަވަރުގެ އަމަލީ މަސައްކަތް އަންނަމަހު ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޕީއެލުން ބުނެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލަށް ލިބިފައިވާ 1200 އަކަފޫޓްގެ ބިމުގައި 14 ބުރީގެ 3 ޓަވަރު އެޅުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. މި ތިން ޓަވަރުގައި 3 ކޮޓަރީގެ އެޕާރޓްމެންޓްތަކާއި އެއް ކޮޓަރީގެ ސްޓޫޑިއޯ އެޕާރޓްމެންޓްތައް ހިމެނޭނެކަމަށް އެމްޕީއެލުން ބުނެއެވެ.

img:http://s4.psmnews.mv/images/660x400/15146097057476.jpg|އެމްޕީއެލުން އަޅާ ޓަވަރުތަކުގެ ކުރެހުމެއް- ފޮޓޯ އެމްޕީއެލް

އެމްޕީއެލްގެ ޓަވަރުތައް އެޅުމަށް ސިންގަފޫރްގެ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު އެމްޓީސީސީންވެސް ވަނީ އެ ކުންފުނިން އަޅާ ޓަވަރުތައް އެޅުމަށް ސިންގަފޫރުގެ ކުންފުންޏަކާއި މިދިޔަ ހަފްތާގައި ވަނީ ހަވާލުކޮށްފައެވެ. އެމްޓީސީސީން އެޅުމަށް ހަމަޖެހިފައިވަނީ 15 ބުރީގެ 2 ޓަވަރުއެވެ.

ހިޔާ މަޝްރޫއޫގެ ދަށުން ސަރުކާރު ކުންފުނުތަކާއި ބައެއް އޮފީސްތަކުން ޓަވަރުތައް އެޅުމަށް ހަމަޖެހިފައިވާއިރު ގިނަ ކުންފުނިތަކުން ވަނީ ޓަވަރުތައް އަޅާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައެވެ.

ބޯހިޔާވަހިކަމަށް ހަލެއް ގެނެސްދިނުމަށް ސަރުކާރުން ފަށާފައިވާ ހިޔާ މަޝްރޫގެ ދަށުން ސަރުކާރު ކުންފުނިތައް ހިމެނޭގޮތަށް 25 ބުރީގެ 62 ޓަވަރު އިމާރާތްކުރުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ސަބަބުން އެއްލައްކަ މީހުންގެ އާބާދީއަކަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.