ކީރިތި ޤުރުއާނާ ބެހޭ މަރުކަޒަށް 17 އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުވި ރިސެޕްޝަނާއެކު ދަރިވަރުންނާއި ޢާންމު ރައްޔިތުންނަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބޭނެކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވެއްޖެއެވެ.
އެ މަރުކަޒުންދޭ ޚިދުމަތް ފުޅާކޮށް ލުއިފަސޭހަކޮށް ދިނުމަށްޓަކައި ހުޅުވި މި ރިސެޕްޝަން ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދެވެ.
މި ރިސެޕްޝަން ސަރަޙައްދު ހަދާފައިވަނީ އެ މަރުކަޒުން ކުރިއަށްގެންދާ އެކި ކޯސްތަކާ ބެހޭ މަޢުލޫމާތުވެސް އެއްތަނަކުން ފެންނާނެގޮތަށެވެ. ރިސެޕްޝަން ހުޅުވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ އަލަށް މި ގެނައި ބަދަލާއެކު އެ މަރުކަޒުންދޭ ޚިދުމަތްތައް ކުރިއަށްވުރެ ފަސޭހަގޮތެއްގައި އާންމުރައްޔިތުންނަށް ފޯރުކޮށްދެވޭނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި ސަރުކާރުން ތަނަވަސްކޮށްދެއްވާ މިފަދަ ފުރުޞަތުތަކުގެ ބޭނުން އާންމު ރައްޔިތުން ބޭނުންކުރައްވާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ކީރިތިޤުރުއާނާއި ބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވިއެވެ.
ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ގެންދަނީ ޤުރުއާނާ ގުޅޭ ތަފާތު ކޯސްތައް ހިންގަމުންނެވެ. އަދި މިއަހަރު މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާކަމަށްވެސް އެ މަރުކަޒުން ބުނެއެވެ.