ހ.ދ ކުޅުދުއްފުށްޓާއި ށ.ފުނަދޫ އެއަރޕޯޓްގައި ޓާރމިނަލް އަޅާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ.
މި ދެ އެއަރޕޯޓްގެ ޓާމިނަލް އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފައިވާއިރު އެ ދެ އެއަރޕޯޓްގައި ފަޔަރ އެންޑް ރެސްކިއު ބިލްޑިންގ އާއި އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރު އަޅާނެ ބަޔަކު ހޯދުމަށްވެސް ރީޖަނަލް އެއަރޕޯޓްސް ިއން ވަނީ ހުޅުވާލާފައެވެ.
ދައުލަތުން މި އަހަރު ހުށައެޅި ބަޖެޓްގައި 4 އައަރޕޯޓެއް އެޅުމަށް 336 މިލިޔަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި ހދ.ކުޅުދުއްފުއްޓާ ށ ފުނަދޫގައި ތަރައްޤީކުރާ އެއަރޕޯޓް ހިމެނެއެވެ. ހދ.ކުޅުދުއްފުށީގައި ތަރައްޤީ ކުރާ އެއަރޕޯޓަށް ދައުލަތުގެ ބަޖެޓުން 92 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާއިރު، ށ ފުނަދޫގައި ތަރައްޤީ ކުރާ އެއަރޕޯޓަށް 88 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.
ކުޅުދުއްފުށީގައި އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ވަނީ ހިއްކާ ނިންމާފައެވެ. މި މަސައްކަތުގެ ދަށުން އެއަރޕޯޓް ހެދުމަށް އެރަށުން ވަނީ 15 ހެކްޓަރުގެ ބިން ހިއްކާފައެވެ. އެގޮތުން ހިއްކާފައިވަނީ އެރަށު ފަޅުން 6 ހެކްޓަރާއި، ކުޅިން 9 ހެކްޓަރެވެ.
ކުޅުދުއްފުށީ އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކާ ނިމިފައިވާއިރު ފުނަދޫގެ ބިންހިއްކުމަށް މިހާރުވަނީ ތައްޔާރުވެފައެވެ. އެގޮތުން ބިން ހިއްކުމަށް ބޭނުންވާ ބަންޑް ވޯލްގެ މަސައްކަތް ގާތްގަނޑަކަށް މިހާރުވަނީ ނިމިފައެވެ. އެއާޕޯރޓް އެޅުމަށް އެރަށު އުތުރު ފަރާތު ފަޅުތެރެއިން 21 ހެކްޓަރގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ފުނަދޫ އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށްވެސް ހަމަޖެހިފައިވަނީ އެމްޓީސީސީގެ ކޮންނަ ބޯޓް "މަހާ ޖައްރާފު" ބޭނުންކޮށްގެނެވެ. މިއެއަރޕޯޓްގެ ރަންވޭގެ ބޮޑުމިނަކީ 1200 މީޓަރެވެ.
ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން މިއަހަރު އަޅަން ހަމަޖެހިފައިވާ އަނެއް ދެ އެއަރޕޯޓަކީ ފ.ނިލަންދޫ އަދި ގދ.މާވަރުލު އެއަރޕޯޓްއެވެ. މި ދެ އެއަރޕޯޓަށް 153 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދައލަތުގެ ބަޖެޓުން ވަނީ ކަނޑައަޅާފައެވެ. މި ހަތަރު އެއަރޕޯޓްގެ މަސައްކަތް އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަނީ ވިދާޅުވެފައެވެ.