ޚަބަރު

ފަރުދުންގެ ޖީބުން ސިއްޙީ ފަރުވާއަށް ޚަރަދުކުރަނީ 29 އިންސައްތަ


ސިއްޙީ ދާއިރާއިން ރާއްޖެ ހޯދާފައިވާ އެންމެ ބޮޑު ކުރިއެރުމަކީ ރައްޔިތުންގެ ޖީބުން ސިއްޙީކަންކަމަށް ކުރާ ޚަރަދު ކުޑަވެގެންދިއުންކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ މީގެ ކުރިން ސިއްހީ ހިދުމަތަށް ރައްޔިތުންގެ ޖީބުން ކޮންމެ ސަތޭކައަކުން 49 އިންސައްތަ ހޭދަވާއިރު މިއަދަދު މިއަދުވަނީ 29 އިންސައްތައަށް ކުޑަކުރެވިފައިކަމަށެވެ.

ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ދައުލަތުން ސިއްޙީ ނިޒާމަށް އެންމެ ބޮޑު ހޭދައެއްކުރާ ޤައުމަކީ ރާއްޖެއެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައި ދޭ ފެންވަރުގެ ބޭސްފަރުވާގެ ނިޒާމަކަށް ރާއްޖެ ހެދުމުގެ މަޤްޞަދުގައި ސަރުކާރުން 2014 ވަނަ އަހަރުވަނީ ހުސްނުވާ އާސަންދައިގެ ޚިދުމަތް ދޭން ފަށާފައެވެ.

ބޭސްފަރުވާގެ ނިޒާމަކީ، ހުރިހާ އުމުރުފުރާއަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ހޭދަކޮށްގެން  ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ނިޒާމަކެވެ. ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގައިވެސް ހުސްނުވާ އާސަންދައިގެ ދަށުން ޚިދުމަތް ލިބެއެވެ. ހުސްނުވާ އާސަންދަ ތަޢާރަފްކުރެވުމާއެކު އިމަރޖެންސީ ޙާލަތްތަކުގައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދިޔުމާއި އަތޮޅުތަކުން މާލެއަށް ބަދަލުކުރެވޭ ބަލިމީހުނަށްވެސް އާސަންދައިގެ ދަށުން ހިލޭ އެހީ ލިބެއެވެ.

ދިވެހި ރައްޔިތުންނަށް ބޭސްފަރުވާ ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން ތަޢާރަފް ކުރި ހުސްނުވާ އާސަންދައިގެ ދަށުން، ތަފާތު އެކި ބަލިތަކަށް ފަރުވާ ހޯދުމަށްޓަކައި މިހާތަނަށް 37 ހާހަށް ވުރެ ގިނަ ބަލި މީހުން ރާއްޖެއިން ބޭރަށް ވަނީ ފޮނުވާފައެވެ. މީގެ ތެރެއިން ގިނަ މީހުން ފަރުވާ ހޯދާފައިވަނީ އިންޑިޔާގެ ހޮސްޕިޓަލްތަކުންނެވެ. މީގެ އިތުރުން 300 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ފާރމަސީތަކަށްވެސް ޚަރަދުކޮށްފައެވެ.

ހެލްތް މިނިސްޓަރ ނާޒިމް ވިދާޅުވީ ށިއްހީ ހިދުމަތްތަކުގައި ދިވެހިންނަށް ކުރިން ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ސިއްހީ ކަންކަމަށް އަތުން ހޭދަކުރަންޖެހޭ މިންވަރު އިތުރުވުންކަމަށެވެ. އެހެންނަމަވެސް ސިއްހީ ދާއިރާގެ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން މި އަދދު އެތައް ތަނަކަށް ކުޑަވެފައިވާކަން މިނިސްޓަރ ފާހަގަކުރެވިއެވެ. 

" 2011 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން ގާތްގަނަޑަކަށް 100 ރުފިޔާ ރައްޔިތުމީހާ ބޭސްފަރުވާއަށް ހަރަދުކޮށްފިނަމަ 49 ރުފިޔާ ޚަރަދު ކުރަނީ ރައްޔިތުމީހާ އަމިއްލަ ޖީބުން. ޑަބްލިޔުއެޗްއޯގެ އެންމެފަހުގެ ރިސަރޗްތައް ދައްކާގޮތުން މިއަދު ރައްޔިތުމީހާގެ ޖީބުން ޚަރަދުކުރަންޖެހެނީ 29 ރުފިޔާ. ހެލްތް އިންޝިއުރެންސް ރާވާލާފައޮތްގޮތަށް ރައްޔިތުންނަށް މިކަމުގެ ސަބަބުން ތަކްލީފްތައް ކުޑަކުރެވިފަ އޮތްގޮތް އެންމެ ރަނގަޅަށް ދައްކާދެނީ އެ އަދަދުން." ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސިއްޙީ ފެންވަރުގެ ޚިދުމަތް ފުޅާ ކުރުމާއި، އެ  ޚިދުމަތް ފަސޭހައިން އަތޮޅުތަކަށް ލިބޭކަން ސަރުކާރުން ކަށަވަރުކުރަމުންދާކަމަށެވެ. އަދި ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް ސިއްޙީ ކަންކަން ތަރުތީބު ކުރެވިފައި އޮތްގޮތަށް ކުރިއަށް ދާކަމަށް ދިވެހި ރައްޔިތުން ޤަބޫލު ކުރާކަމަށްވެސް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.

ސިއްޙިނިޒާމަށް ރައްޔިތުންގެ ޖީބުން ކުރާ ހޭދަ ކުޑަވެފައިވުމާއެކު މި ސަރުކާރުން ގެންދަވަނީ ސިއްޙީދާއިރާ އިތުރަށް ތަރައްޤީކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލެވެ. މީގެ އިތުރުންވެސް ސަރުކާރުންގެންދަވަނީ އަތޮޅުތަކުގެ ސިއްހީ ނިޒާމް ހަރުދަނާ ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.