ޚަބަރު

މިއަދުގެ ހުކުރުއުފާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ


އިސްލާމިކް މިނިސްޓްރީއާއި ޕަބްލިކް ސާރވިސް މީޑިއާ ޕީއެސްއެމް ގުޅިގެން ކޮންމެ ހަފްތާއެއްގެ ހުކުރުދުވަހު ބާއްވާ "ހުކުރު އުފާ" އިސްލާމިކް ފެސްޓިވަލް މިއަދު ހަވީރާއި މިރޭވެސް އިސްލާމީ މަރުކަޒު ސަރަޙައްދުގައި އޮންނާނެއެވެ. މިއަހަރުގެ ފުރަތަމަ ހުކުރު އުފާގެ ޙަރަކާތްތައް ޚާއްސަކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ހުކުރު އުފާ އިސްލާމިކް ފެސްޓިވަލް ހަވީރުގެ ދަންފަޅި ކުރިޔަށް ދާނީ ހަވީރު ހަތަރަކުން ހަޔަކަށެވެ. މިދިޔަ އަހަރާއި ޚިލާފަށް މި އަހަރުގެ ހުކުރު އުފާގެ ޙަރަކާތްތައް އިންތިޒާމްކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބައިވެރިވެވޭގޮތަށެވެ. އެގޮތުން އެކުދިންނަށް އެހީތެރިވެދޭނެ ޚާއްޞަ ސްޓޯލެއް މި ފަހަރު ޤާއިމްކޮށްފައިވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މިއަދުން ފެށިގެން "ހުކުރު އުފާ" ފެސްޓިވަލްގެ ކޮންމެ ހަވީރެއްގައިވެސް މިސްޓޯލް ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. ހުކުރު އުފާ އިސްލާމިކް ފެސްޓިވަލްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްޞަކޮށްފައިވާ ސްޓޯލްގެ ކަންކަން ބަލަހައްޓާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއަރުވަން މަސައްކަތްކުރުމަށް މިނިސްޓަރ އެފް ޖެންޑަރ އެންޑް ފެމިލީން އައްޔަން ކުރައްވާފައިވާ " ޑިސްއެބިލިޓީ ގުޑްވިލް އެމްބެސެޑަރުންނެވެ. ހުކުރު އުފާގެ ސްޓޭޖް ޙަރަކާތްތައްވެސް މިއަދު ޚާއްޞަ ކުރަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށެވެ. އެގޮތުން އެކުދިންގެ މަދަޙަ ކިއުން ފަދަ ބައެއް ހުށަހެޅުން ފެނިގެންދާނެއެވެ. 

މިހަފްތާގެ ހުކުރު އުފާގެ ރޭގަނޑު ދަންފަޅީގެ ދަރުސް ހާއްސަކޮށްފައިވަނީ "ޚާއްސަ އެހީއަށް ބެނުންވާ ފަރާތްތަކަށް އަޅާލުމާއި އޯގާތެރިވުން" މި މަޢުޟޫއަށެވެ. މި ދަރުސް ދެއްވާނީ އައްޝައިޚް އަޙްމަދު މައުމޫންއެވެ. މިރޭގެ ދަންފަޅީގައި "ޑިސްއެބިލިޓީ ގްޑްވިލް އެމްބެސެޑަރ"ގެ ޙައިސިއްޔަތުން ޒިހުނަތް ޙަސަންވެސް ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. 

އެހެން ހަފްތާތަކޭ އެއްގޮތަށް މިހަފްތާގައިވެސް މި ފެސްޓިވަލްގެ ތެރޭގައި ދީނީ ފޮތްތައް ބެހުމާއި މުސްޙަފު ބެހުންވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން ތަފާތު ސްޓޯލްތަކުން ދީނީ މަޢުލޫމާތު ހިމެނޭ ފޮތްތައް ވިއްކުމާއި، ކުޑަކުދިންނަށާއި ބޮޑެތިމީހުނަށް ދީނީ މަޢުލޫމާތު ދިނުންވެސް ކުރިއަށްދާނެއެވެ.