ޚަބަރު

ލޯނުން ކުރާ ވިޔަފާރީގެ މަޢުލޫމާތު އެނގޭނެ އެޕްލިކޭޝަނެއް


އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ ލޯން ޕްރޮގްރާމްތަކަށް ހޮވޭ ފަރާތްތަކުން އެ ލޯނުން ކުރާ ވިޔަފާރީގެ މަޢުލޫމާތު އާއްމުންނަށް އެނގޭނެ ފަދަ އެޕްލިކޭޝަނެއް ތަޢާރަފްކުރަން މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމްނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤު ވިދާޅުވީ މި އެޕްލިކޭޝަން މިއަހަރުތެރޭގައި ލޯންޗުކުރުމަށް ރާވާފައިވާ ކަމަށެވެ. މިފަދަ އެޕްލިކޭޝަންގެ ބޭނުންމަކީ އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ ލޯން ޕްރޮގްރާމްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް އިތުރު ހިތްވަރެއް ދިނުން ކަމަށް ތައުފީޤް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ދޫކުރަމުންދާ ލޯން ޕްރޮގްރާމް ތަކުގެތެރެއިން ހަމަ ކޮންމެ ބޭފުޅަކަށްވެސް ލޯން ލިބޭ ފަރާތްތަކުގެ ސްޓޭޓަސް ނޫނިއްޔާމުން، ލޯން ލިބުނު ފަރާތްތަކުގެ ވިޔަފާރީގެ ހާލަތު އޮންލައިންކޮށް ޗެކްކޮށްލެވޭނެ. މި އެޕްލިކޭޝަންގެ ބޭނުމަކީ މި ލޯންތަކަށް ޝައުގުވެރިވާ ފަރާތްތަކަށްވެސް ވިޔަފާރިތައް ތިބީ ކޮން ހާލަތެއްގަތޯ ފެންނާނެ ފަދަ ގޮތެއް މަގުފަހިކުރުން" ތައުފީޤް ވިދާޅުވިއެވެ.

މި އެޕްލިކޭޝަން ހެދުމަށް އެޕްލިކޭޝަން ޑިވެލޮޕަރަކާއެކު ވާހަކަ ދައްކަމުންދާކަމަށާއި މިއަހަރުގެ މެދެއްހާ ހިސާބު މި އެޕްލިކޭޝަން ލޯންޗުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.