ސިޔާސީ

ސަރުކާރު ކުންފުނިތަކުގެ ކޮންމެ ބޯޑެއްގައި މަދުވެގެން 2 އަންހެނުން


 


ސަރުކާރުގެ އަމާޒަކީ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުގައި އަންހެނުން ހިމެނުން ކަމަށާއި، މިއަހަރު ނިމޭއިރު ސަރުކާރު ކުންފުނިތަކުގެ ކޮންމެ ބޯޑެއްގައި މަދުވެގެން ދެ އަންހެނުން ހިމަނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.


 
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަމަލީ ހަޤީޤީ ބާރުވެރިކަން ހޯދައިދިނުން ކަމަށާއި، ކުންފުނިތަކުގެ ބޯޑެއްގައި ފަސް މެމްބަރުން ތިއްބަވާއިރު މަދުވެގެން ދެ އަންހެނުން ހިމަނުއްވަން ބޭނުންފުޅުވާ ކަމަށެވެ.


 
ރައީސް ވިދާޅުވީ ޤާނޫނީގޮތުން އަންހެނުންގެ ހައްޤުތައް ހޯދައިދިނުމާއި ބާރުވެރިކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށާއި އެގޮތުން ގެވެށި އަނިޔާގެ ބިލަށް އަމަލުކުރަންފެށުމާއި ކައިވެނި ރޫޅުމުން އަންހެނުންނަށް ލިބެންވާ ހައްޤުތައް ހޯދާދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


 
ރައީސްގެ ވާހަކަފުޅުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ކަންކަން ތަންފީޒީ އިދާރާތަކުން ކުރުމުގައި ދަތިތަކެއް އެބަހުރިކަމަށް ވިދާޅުވިއެވެ.


 
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޑޮކްޓަރ މަރިޔަމް ޝަކީލާ ވިދާޅުވީ އަންހެނުންގެ ސިޔާސީ ކުރިމަގަށް ފުރުސަތު ހޯދާދިނުމުގެ ސިޔާސަތުގެ ދަށުން ބާރުވެރި މަޤާމްތަކަށް އައްޔަންކުރެވޭ އަންހެނުންގެ އަދަދު ތެއްތިރީސް އިންސައްތައަށް އިތުރުކުރުމަށް ކެބިނެޓަށް ހުށަހެޅުއްވުމަށްޓަކާ ކަރުދާހެއް ތައްޔާރުކުރެއްވުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.


 
 


މީގެ އިތުރުން އޭޑީބީ އާއި ގުޅިގެން ހައްގުތައް ކަށަވަރުކުރުވުމުގައި ޖިންސީގޮތުން ހަމަހަމަކަން ދެމެހެއްޓުމަށް ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.