ޚަބަރު

މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް މާދަމާ ބާއްވަނީ


ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް މާދަމާ ބާއްވަން މަޖިލީހުން ނިންމައިފިއެވެ. 

މާދަމާ ހެނދުނު ނުވައެއް ޖަހާއިރު ޖަލްސާއެއް ބާއްވާނެކަން މަޖިލީހުގެ އިދާރާއިން ވަނީ މެންބަރުންނަށް އަންގާފައެވެ. މިކަން އަންގާ މެމްބަރުންނަށް ފޮނުވާފައިވާ މެސެޖްގައި ބުނެފައިވަނީ، މިއީ ދައުރުން ބޭރުން ބާއްވާ ޚާއްޞަ ޖަލްސާއެއްކަމަށެވެ. މިޖަލްސާގެ އެޖެންޑާ މަޖިލީހުގެ ވެބްސައިޓަށް ލުމަށްފަހު އަންގާނެކަމަށްވެސް އެމެސެޖްގައި ބުނެފައިވެއެވެ.

ދައުރުން ބޭރުން މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ބާއްވަން ނިންމާފައި މިވަނީ މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރު ފާސްކުރުމަށް ކަމަށް ބެލެވެއެވެ. ޤަނޫނޫ އަސަސީގައި ބަޔާންކޮށްފައިވާ ގޮތުން ކުއްލި ޙާލަތު އިޢުލާން ކުރަނީ މަޖިލިސް ބަންދު ދުވަސްވަރެއްގައި ނަމަ ބަންދު ދުވަސްތައްވެސް ހިމެނޭ ގޮތުން 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއް ބާއްވާ ޤަރާރާ މެދު ގޮތެއް ނިންމަން ވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ރިޔާސީ ބާޔާން އިއްވެވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މިމަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ތާވަލް ކުރުމަށްފަހު ޖަލްސާ ފަސްކުރުމަށް ނިންމަވާފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.