ޚަބަރު

އިންތިޚާބުގެ މަސައްކަތް ފެށުމުން ސަރުކާރުން މަރުޙަބާ ކިޔައިފި


އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބުގެ މަސައްކަތް ފެށުމާއި ގުޅިގެން ސަރުކާރުން އެކަމަށް މަރުޙަބާ ކިޔައިފިއެވެ.

ސަރުކާރުން ނެރުނު ނޫސްބަޔާނުގައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު މި އަހަރުގެ ސެޕްޓެންބަރު މަހުގައި ބޭއްވުމަށް ތައްޔާރުވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނުން ކުރަމުން ގެންދާކަމަށާއި މި އިންތިޚާބު ރަސްމީކޮށް ޤާނޫނުގައިވާ ގޮތުގެމަތިން ޖުލައިމަހުގައި އިޢުލާނުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްވެސް އެ ކޮމިޝަނުން ކުރަމުން ގެންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާކަމަށެވެ.

2008 ވަނަ އަހަރުގެ ފަހުން ދިވެހިރާއްޖޭގައި މިހާތަނަށް ބާއްވާފައިވާ އިންތިޚާބުތަކަކީ، މިނިވަން އަދި އިންސާފުވެރި އިންތިޚާބުތަކެއްކަމުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި ބޭރުގެ ފަރާތްތަކުން ޤަބޫލުކޮށްފައިވާކަމަށް ސަރުކާރުގެ ބަޔާނުގައިވެއެވެ.

އަދި މި އަހަރުގެ ރިޔާސީ އިންތިޚާބަކީވެސް މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށާއި، ބޭރުގެ ފަރާތްތަކަށް ދޭކަމަށްވެސް މިބަޔާނުގައިވެއެވެ.

އެހެން ފަހަރުތަކެކޭ އެއްފަދައިން ބައިނަލްއަޤްވާމީ ފަރާތްތަކާއެކު މިފަހަރުވެސް މަސައްކަތް ކުރަމުންދާނޭކަމަށާއި ޚާއްޞަގޮތެއްގައި އިންތިޚާބުގެ ޤާނޫނީ އަދި އިދާރީ އޮނިގަނޑު ދިރާސާކުރުމަށްފަހު ޔޫރަޕިއަން ޔޫނިއަނުން ހުށަހަޅާފައިވާ ކަންތައްތައް ތަންފީޛު ކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާކަމުގައިވެސް މި ނޫސްބަޔާނުގައިވެއެވެ.

މީގެ އިތުރުން ޑިމޮކްރެސީއެއްގެ ބިންގަލަކީ މިނިވަން އިންސާފުވެރި ޢަދުލުވެރި އިންތިޚާބަކަށްވީ ހިނދު މިއީ ޤައުމުގެ ހަމަޖެހުމާއި ކުރިއެރުން ދެމިއޮތުމަށްވެސް އެހާމެ މުހިންމުކަމެއްކަމަށާއި ކުރީ ފަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ރިޔާސީ އިންތިޚާބުގެ ކަންކަން ދިވެހިރާއްޖޭގައި ކުރިޔަށްދާގޮތް ބެލުމަށް ދިވެހިރާއްޖެއަށް ޒިޔާރަތް ކުރާ ބޭރުގެ ފަރާތްތަކަށް ދިވެހި ސަރުކާރުން މަރުޚަބާ ކިޔާނެކަމަށްވެސް ސަރުކާރުގެ ބަޔާނުގައިވެއެވެ.

ޤައުމީ މަސްލަހަތު އިތުރަށް ގޯސްވެދާނެފަދަ ޢަމަލުތައް ނުހިންގުމަށާއި، ރާއްޖޭގެ އާންމު ޙާލަތު އިޢާދަކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭފަދަ ކަންތައްތަކުން އެއްކިބާވެތިބުމަށް ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ފަރާތްތަކަށާއި، ބޭރުގެ ފަރާތްތަކަށް ދިވެހި ސަރުކާރުން ވަނީ ގޮވާލަފައެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ވާނޭކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށާއި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދޭކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަހަރުގެ ސެޕްޓެމްބަރުމަހު އިންތިޚާބު ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ. އަދި  ޖުލައިމަހު ރަސްމީކޮށް ރިޔާސީ އިންތިޚާބަށް އިޢުލާންކުރާނެކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.