ތަރައްްޤީ

އައްޑޫސިޓީ ހިތަދޫ ލިންކްރޯޑްގެ ދުވާރުގައި ގާއަތުރަނީ


އައްޑޫސިޓީ ހިތަދޫ ލިންކްރޯޑްގެ ދުވާރުގައި ގާއެތުރުމާއި ޕާރކިންގް ޒޯން ހެދުމުގެ މަސައްކަތް ފަށައިފިއެވެ. 

އައްޑޫސިޓީ ހިތަދޫ ލިންރޯޑްގެ ދުވާރުގައި ގާއުއެތުރުމާއި ޕާރކިންގް ޒޯން ހެދުމުގެ މަސައްކަތް ފަށްޓަވައިދެއްވީ ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އިބްރާހީމް ދީދީއެވެ. މި މަސައްކަތުގެ ދަށުން ހިތަދޫ ލިންކްރޯޑްގައި ޕޭވްމެންޓް ނާޅާ ހުރި ހުރިހާ ޞަރަޙއްދެއްގައި ގާއެޅުމުގެ އިތުރުން ހިތަދޫ ލިންކްރޯޑް ޞަރަޙައްދުގައި ޕާރކިންގް ޒޯންތައް ހެދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެކަމަށް ހައުސިންގް މިނިސްޓްރީން ބުނެއެވެ. 

ޕާރކިންގް ޒޯންތައް ހެދުމަށް ހަމަޖެހިފައިވަނީ ލިންކްރޯޑްގެ އިރުމަތީ ފަރާތުގައެވެ. އައްޑޫސިޓީ ހިތަދޫ ލިންކްރޯޑަކީ ގިނަ އުޅަނދުފަހަރު ދުއްވާތަނަކަށްވެފައި، ލިންކްރޯޑްގައި ޕާރކިންގް ޒޯންތަކެއް ނެތުމުގެ ސަބަބުން އުޅަނދުފަހަރު ޕާރކް ކުރުމުގައި ދަތިތަކާއި ކުރިމަތިލާންޖެހެއެވެ. އެހެންކަމުން މިޕާކިންގް ޒޯންތައް ހެދުމުން، ހިތަދޫ ލިންކްރޯޑްގައި ދިމާވާ މިފަދަ ޕާކިންގްގެ އެކި މައްސަލަތަކައް ހައްލުލިބިގެންދާނެކަމަށް ހައުސިންގް މިނިސްޓްރީން ބުނެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި ހައުސިން މިނިސްޓްރީގެ އައްޑޫ ބްރާންޗް އެގްޒެކެޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހައިރު ވިދާޅުވީ، ލިންކްރޯޑްގެ ދުވާރުގައި ގާއެޅުމާއި ޕާރކިންގް ޒޯންތައް ހެދުމުން ޢާންމުންނަށް އޭގެ ސަބަބުން ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

"ވިއްސާރަ ދުވަސްދުވަހު ގާނޭޅި ހުންނަ ސަރަހައްދުގައި ފެންހެދި، ޗަކަ ހެދިފަ އޮންނަނީ. އެހެންވީމަ ހިނގާއުޅޫ މީހުންނަށް ވަރަށް ބޮޑުތަދިތަކެއް ދިމާވޭ. އޭގެ ބަދަލުގައި އެމީހުން ހިގަން މިޖެހެނީ ލިންކްރޯޑްމަތިން. އެހެންވީމަ ދުއްވާ މީހުންނަށާއި، އަދި ބައެއް ފަހަރު ހިގާ މީހުންނަށްވެސް ނުރައްކާތައް ދިމާވޭ އެކަމުގެ ސަބަބުން. އެހެންވީމަ ޕާކިންގް ޒޯން ހެދި އަދި ޕޭވްމެންޓް ހެދިފައޮތީމަ ހިގާ މީހުންނާއި އަދި ޕާކް ކުރާ އެއްޗެހިވެސް އެއްތާގަ ބޭއްވުމާއި ހިގާމީހުންވެސް އެއްސަރަހައްދެއްގައި ހިގީމަ އެއީ އެމީހުންނަށްވެސް ލިބޭ ވަރަށް ބޮޑު ރައްކާތެރިކަމެއް" ހައުސިންގް މިނިސްޓްރީގެ އައްޑޫ ބްރާންޗްގެ އެގްޒެކެޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހައިރު ވިދާޅުވިއެވެ.

ވިއްސާރަވެ ބޯކޮށް ވާރޭވެހޭ ދުވަސްވަރު އައްޑޫސިޓީގެ ހިތަދޫގެ ބައެއް ޞަރަޙައްދުތަކުގައި ފެންބޮޑުވެއެވެ. އެގޮތުން ހިތަދޫ ޝަރަފުއްދީން ސްކޫލް ޞަރަޙައްދުގައި ވިއްސާރަދުވަސްވަރު ފެންބޮޑުވުމުގެ ސަބަބުން ސްކޫލްގެ ދަރިވަރުންނަށް ސްކޫލަށް ވަދެ ނިކުމުގައި ދަތިވެއެވެ. އަދި  ދުއްވާ އެއްޗިއްސަށް ދަތިތަކާއި ކުރިމަތިވެއެވެ. މިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން މިހާރު ފަށާފައިވާ މަސައްކަތުގެ ދަށުން ޝަރަފުއްދީން ސްކޫލް ޞަރަޙައްދުގައި ފެން ހިންދާ ނިޒާމެއް ޤާއިމްކުރެވިގެންދާނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

"ހައުސިން މިނިސްޓްރީގެ އައްޑޫ ބްރާންޗް އެގްޒެކެޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހެއިރް : " ފެން ހިނދުމަށް ހިތަދޫގެ އެންމެ ބޮޑު ދަތިކަމެއް އައިސްސައޮތީ ހިތަދޫ ޝަރފުއްދީން ސްކޫލާއި ދިމާލަށް. އެ ހިސާބުގައި ވަރަށް ގިނަ ފެންތައް ޖަމާވޭ. އެހެންކަމުން ރޭވިފަ މިއޮތީ އެތަނުގަ ފެންހިދުމުގެ ނިޒާމެއް އަޅުގަނޑުމެން ޤާއިމްކޮށް ބޭރަށް ފެން ހިދޭނެގޮތަށް ހެދުން" ހައުސިން މިނިސްޓްރީގެ އައްޑޫ ބްރާންޗް އެގްޒެކެޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހައިރު ވިދާޅުވިއެވެ.  

މިމަސައްކަތް ކުރިއަށްއޮތް 3 މަސްދުވަހުގެ ތެރޭގައި ނިމިގެންދާނެކަމަށް ހައުސިންގް މިނިސްޓްރީން ބުނެއެވެ.