ޚަބަރު

ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރަން ބޭރުގެ އެހީ ބޭނުންވޭ


ސިއްޙީ ނިޒާމުގެ ވަޞީލަތްތައް ހަލުވި ދުވެއްޔެއްގައި ކުރިޔަށް ގެންދިއުމަށް ބޭނުންވާ ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ބައިނަލްއަޤުވާމީ ފަރާތްތަކުގެ އެހީ ބޭނުންވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް  ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މޮރިޝަސްގެ ޕޯޓް ލުއީގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ސިއްޙަތާބެހޭ ބައިނަލްއަޤުވާމީ 3 ވަނަ މަހާސިންތާގައި ދެއްވި ބަޔާނުގައެވެ. މިމަހުގެ 21 އިން މިއަދުގެ ނިޔަލަށް ކުރިއަށްދާ މި މަހާސިންތާގައި މިނިސްޓަރ ދެއްވި ބަޔާނުގައި ރާއްޖޭގެ ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމުތަކާއި ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ޤާއިމުކޮށް ވަޞީލަތްތައް އިތުރުކޮށް ޚިދުމަތްތައް ރަނގަޅުކުރަމުން އަންނަކަން ފާހަގަކުރައްވާފައިވެއެވެ. އަދި މިހާރަށްވުރެ ހަލުވި ދުވެއްޔެއްގައި އެކަންކަން ކުރުމަށް ސަރުކާރުން ބޭނުންވާ ކަން ފާހަގަ ކުރައްވައ މިކަމުގައި ބައިނަލްއަޤުވާމީ ފަރާތްތަކުގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވާކަން މިނިސްޓަރުގެ ބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނުންގެ ސިއްޙަތަށް ނޭދެވޭ އަސަރުކޮށް ގެއްލުން ވަމުންދާކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ، މިބަދަލުތަކާއި ގުޅިގެން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރާއްޖެއިން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ބައެއް ކަންތަކުގެ ސަބަބުން ޖެހޭ ބަލިތަކުގެތެރެއިން ރާއްޖެއިން ނައްތާލެވިފައިވާ މެލޭރިޔާ ފަދަ ބަލިތައް އަލުން އިއާދަވެދާނެ ކަމުގެ ބިރު ފަހުގެ ދިރާސާތަކުން ދައްކާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްޙަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މަހާސިންތާގައި މެމްބަރު ޤައުމުތަކުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެއެވެ.  މި މަހާސިންތާގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހިމްގެ އިތުރުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ އިސް މަސްއޫލުވެރިންގެ ވަފްދެއް ބައިވެރިވަޑައިގެންނެވިއެވެ.