ތިމާވެށި

އައްޑޫސިޓީ ކޯއްޓޭ ޞަރަޙައްދުގައި ކަނޑޫފާ ނާސަރީއެއް ހުޅުވައިފި


އައްޑޫ ސިޓީ ކޯއްޓޭ ހިމާޔަތް ކުރެވިފައިވާ ޞަރަޙައްދުގައި ކަނޑޫފާ ނާސަރީއެއް ހުޅުވައިފިއެވެ. 

މިއީ އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ އާތު އަވަރ މޯލްޑިވްސްގެ މައި ޙަރަކާތްތަކުގެ ދަށުން އައްޑޫ ސިޓީގެ ކުޅި، ފާ އަދި ޗަސްބިންތަކުން މަދުވަމުންދާ ގަސް އާލާކުރުމުގެ ބޭނުމުގައި ޤާއިމް ކުރި ނާރސަރީއެކެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ ކްލައިމެޓް ޗޭންޖު އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީކެޕް) ގެ ފަރާތުން  ސިޓީ ކޯއްޓޭ ހިމާޔަތް ކުރެވިފައިވާ ޞަރަޙައްދުގައި މެންގްރޫވް ނުވަތަ ކަނޑޫފާ ނާސަރީއެއް ހުޅުވުމަށް އިއްޔެ ބޭއްވި ޙަރަކާތުގައި އައްޑޫސިޓީން މިހާރު ފެންނަން ހުންނަ ތިން ބާވަތެއްގެ ކަނޑޫފާ ގަސް ވަނީ އިންދާފައެެވެ. އެއީ ބުރެވިއާއި، ރަންޑޫ އަދި ކަރަމަނައެވެ.

ސީކެޕް އައްޑޫ ޕްރޮޖެކްޓް އޭރިއާ މެނޭޖަރ، އާމިނަތު އަފާއު ވިދާޅުވީ މިފަދަ ނާސަރީއެއް ޤާއިމުކުރުމުގެ ބޭނުމަކީ ރާއްޖެއިން ފެންނަން ހުރި ކަނޑޫފާގެ ބާވަތްތައް ދައްކާ އެ ބާއްވަތްތަކުގެ މުހިންމު ކަމާއި އަދި އޭގެ ފައިދާ އެތަނަށް ޒިޔާރަތް ކުރާ ފަތުރުވެރިންނާއި، ސްކޫލު ކުދިންނަށް ކިޔައިދިނުން ކަމުގައެވެ. އަފާއު ވިދާޅުވީ، ޗަސްބިންތަކުން މަދުވަމުންދާ ގަސް އާލާކުރުމަށް މިހުޅުވި ކަނޑޫފާއަށް ޙާއްޞަ ނާސަރީ އަކީ ރާއްޖޭގައި ޤާއިމުކުރި އެފަދަ ފުރަތަމަ ނާސަރީ ކަމަށެވެ.

ނާސަރީ ހުޅުވައިދިނީ އައްޑޫ ހައިސްކޫލާއި، ނޫރާނީ ސްކޫލުގެ ދަރިވަރުންނެވެ. ނާރސަރީ ޤާއިމްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގަސް އިންދުމާއެކު، ކަނަޑޫފާ ތަކާއި ބެހޭ މަޢުލޫމާތުދީފައެވެ. ނާސަރީ ހުޅުވީ އައްޑޫސިޓީގައި އާތު އަވަރ ފާހަގަ ކުރުމުގެ ގޮތުން ހިންގާ ޙަރަކާތްތަކުގެ ތެރެއިންނެވެ. 

ސީކެޕުން ބުނީ މިއަހަރުގެ އާތު އަވަރގެ ތީމަކީ 'ކަނެކްޓު ޓު އާތު' ކަމަށް ވެފައި މި ތީމްގެ ދަށުން ކަނަޑޫފާއާ ބެހޭ މައުލޫމާތު މީހުންނާ ޙިއްސާ ކުރުމަކީ މުހިއްމުކަމެއް ކަމަށެވެ. 

އައްޑޫ ސިޓީން ކަނޑޫފާގެ ތިން ވައްތަރެއް ފެނުނު ނަމަވެސް ރާއްޖޭގައި ކަނޑޫފާގެ ޖުމްލަ 13 ވައްތަރެއް ފެންނަކަމަށް ސީކެޕުން މަޢުލޫމާތުދެއެވެ.