ދަރިވަރުން ޓްރެފިކް މެނޭޖްކުރާނެ ގޮތް ދަސްކޮށްދިނުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ޓްރެފިކް މޮނިޓަރސް ތަމްރީން ޕްރޮގްރާމް ނިމި ބައިވެރީންނަށް ސެޓްފިކެޓް ދީފިއެވެ.
މާރިޗު މަހުގެ 17 އިން 29އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ފުވައްމުލައް ސިޓީގެ 4 ސްކޫލަކުން ޖުމްލަ 121 ދަރިވަރުން ތަމްރީން ކޮށްފައިވެއެވެ. ފުވައްމުލައް ސިޓީގެ ފުލުހުންނާއި ސްކޫލްތައް ގުޅިގެން ބޭއްވި ޓްރެފިކް މޮނިޓަރސް ތަމްރީންގައި ދަރިވަރުން ތަމްރީން ކުރި ދާއިރާތަކުގެ ތެރޭގައި އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި، މުޢާމަލާތް ކުރުމުގެ ހުނަރުތަކާއި އަދަބުތައް އަދި ސެލްފް ޑިފެންސްގެ އުކުޅުތައް ހިމެނެއެވެ. މިއީ ސްކޫލް ސަރަޙައްދުގެ ޓްރެފިކް، ސްކޫލް ދަރިވަރުން ބަލަހައްޓައި މެނޭޖްކުރަން ދަސްކޮށްދިނުމަށް ބޭއްވި ތަމްރީން ޕްރޮގްރާމެއްކަމަށް ޓްރެފިކް ޕޮލިސް މެނޭޖެމަންޓްގެ ހެޑް ޢަބްދުލްމަތީން ޢަބްދުލްކަރީމް ވިދާޅުވިއެވެ.
"ޓްރެފިކްއިން މި ހިންގާ ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ސްކޫލް ސަރަޙައްދުގެ ޓްރެފިކް ސްކޫލް ދަރިވަރުން ލައްވާ ބަލަހައްޓާ އަދި ސްކޫލް ސަރަޙައްދުގެ ޓްރެފިކް އޭރިއާ މެނޭޖެކުރުވުން. މި ޕްރޮގްރާމަކީ މިގޮތަށް ހިންގާ 4 ވަނަ ޕްރޮގްރާމް. މިމަސައްކަތް ކުރަމުން ދަނީ ކުރިއަށްއޮތް ތަނުގައިވެސް މާލޭގެ ބައެއް ސްކޫލްތަކާއި އަތޮޅުތަކުގެ ބައެއް ސްކޫލްތަކުގަ މި ޕްރޮގްރާމް ހިންގަން. އެހެންކަމުން ސްކޫލްތަކުން އަޅުގަނޑުމެންނަށް ލިބޭ އެއްބާރުލުމަށް ބަލާފަ މިއަހަރުތެރޭ މި ޕްރޮގްރާމް ހިންގާނަން" ޓްރެފިކް ޕޮލިސް މެނޭޖެމަންޓްގެ ހެޑް ޢަބްދުލްމަތީން ޢަބްދުލްކަރީމް ވިދާޅުވިއެވެ.
މި ޕްރޮގްރާމުގެ ސަބަބުން ދަރިވަރުން ޓްރެފިކްގެ ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިވެ، އާއްމުން ޓްރެފިކް ސައިންތަކަށާއި މަގުމަތީގެ ރައްކާތެރިކަމަށް ދޭ ސަމާލުކަން އިތުރުވެގެންދާނެ ކަމަށް ފުލުހުން ބުނެއެވެ. ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދު ވިދާޅުވީ ފުވައްމުލައް ސިޓީގެ މަގުތަކުގައި ހިނގާފައިވާ ގިނަ އެކްސިޑެންޓްތައް ހިގާފައިވަނީ ޓްރެފިކް ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފުވެގެން ކަމަށެވެ.
"ފުވައްމުލަކުގެ މަގުތައް ހެދި، މަގުތަކުގައި ބާރަށް ދުއްވުމުގެ ޖާގަތައް ތަނަވަސްވެގެން ދިއުމާ އެކު އެކްސިޑެންޓްތައް މިވަނީ އިތުރުވެގެންގޮސްފަ. އަޅުގަނޑުމެންގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު ގިނަ އެކްސިޑެންޓްތައް ހިގާފަވަނީ ޓްރެފިކްގެ ޤާނޫނާއި އަދި އެ ޤާނޫނާއި ގުޅިފަހުރި ޤަވާއިދުތަކާ ޚިލާފުވެގެން. އެހެންވީމަ އަޅުގަނޑުމެން އަބަދުވެސް ހަދާންކުރަން ޖެހޭނެ ދުއްވާ އެއްޗެއްގަ އިން ކަމުގަވިޔަސް އަޅުގަނޑުމެން ބޯލަބަންޖެހޭ ޤާނޫނުތަކެއް ހުރިކަން" އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދު ވިދާޅުވިއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިންގާ ތަމްރީން ޕްރޮގްރާމްތައް މާލެއާއި އަތޮޅުތަކުގައި ހިންގުމަށް ފުލުހުންދަނީ މަސައްކަތް ކުރަމުންނެވެ. އަދި ކުރިއަށްއޮތް ތަނުގައި ސްކޫލް ސަރަޙައްދުގެ ޓްރެފިކް ކޮންޓްރޯލްކޮށް މެނޭޖްކުރާނީ ސްކޫލް ދަރިވަރުންކަމަށް ފުލުހުން ބުނެއެވެ.