ކުޅިވަރު

3-0 ން ބަލިވިޔަސް ކަންބޮޑުވެ ހާހެއް ނުވޭ - ގާޑިއޯލާ


ލިވަޕޫލް އަތުން 3-0 ން ބަލިވުމަކީ ހާސްވެ، ކަންބޮޑުވާވަރުގެ ނަތީޖާއެއް ނޫންކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާރ ފައިނަލްގެ ފުރަތަމަ ލެގުން ބަލިވި މެޗަށްފަހު ގާޑީއޯލާ ބުނީ ނަތީޖާގެ ފަރަގު ބޮޑުވިޔަސް މިއީ މާޔޫސްވެ ރޯންވީވަރުގެ ނަތީޖާއެއް ނޫންކަމަށެވެ. ނޫސްވެރިންނާއި ވާހަކަދައްކަމުން ގާޑިއޯލާ ބުނީ ހުރިހާ ނޫސްވެރިންނާއި، ގިނަ ބަޔަކު މިހާރު ސިޓީ ސެމީއަށް ނުދާނެކަމަށް ނިންމައިފިކަމަށާއި، އެކަމަކު އޭނާގެ ޓީމާއިމެދު އަދިވެސް އިތުބާރު އެބައޮތްކަމަށެވެ. މި ސީޒަންގައި ސިޓީން ދައްކަމުން އަންނަ މޮޅު ކުޅުމަކީ ތިން ލަނޑުގެ އެގްރިގޭޓު ބަދަލުކޮށްލެވޭވަރުގެ ކުޅުމެއްކަމަށް ގާޑިއޯލާ ބުންޏެވެ. ހުރިހާ ކުޅުންތެރިންވެސް ޤަބޫލުކުރަންވީ މިގޮތަށްކަމަށާއި، އަމިއްލަ ދަނޑުގައި ސިޓީން ލިވަޕޫލް ކޮޅަށް ފަސް ލަނޑު ޖަހައިފައި އޮތުމަކީ މާޔޫސްވާން ނުޖެހޭ އެއް ސަބަބުކަމަށްވެސް ގާޑިއޯލާ ފާހަގަކުރިއެވެ.
ސިޓީ އަދި ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ކުއާޓާރ ފައިނަލްގައި ވާދަކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެރެއެވެ.